ހަފުތާއަކަށް ތެލެސީމިއާ ސެންޓަރަށް 220 ޕެކް ލޭ ބޭނުންވާ ކަމަށް އެ ސެންޓަރުން ބުނެފިއެވެ.

ތެލަސީމިއާ ސެންޓަރުގެ ޑޮކްޓަރު ޑރ. ނުސެއިބާ ފާރޫގް ހަސަން މިހެން ވިދާޅުވީ، ތެލަސީމިއާ ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރުމަށް ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ މިއަދު ބައްދަލުވުމުގައި މައުލުމާތު ދެއްވަމުންނެވެ.

ޑރ. ނުސެއިބާ ވިދާޅުވީ ތެލެސީމިއާ ސެންޓަރަށް ލޭ ބޭނުންވާ މިންވަރަށް އެހެން ހޮސްޕިޓަލްތަކަށް ލޭ ބޭނުންނުވާ ކަމަށެވެ.

އެހެންކަމުން ތެލެސީމިއާ ސެންޓަރާއި ބްލަޑް ސާވިސް ވަކިކޮށްލައިފިނަމަ ދަތިތަކާ ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނުސެއިބާ ވަނީ އެ ގާނޫނަށް ހުށަހަޅަން ބޭނުންވާ ތިން އިސްލާހެއް ކޮމިޓީގައި ފާހަގަ ކުރައްވައިފައެވެ. އެއީ ތެލެސީމިއާ އެޑްވައިޒަރީ ބޯޑަށް ތެލެސީމިއާ ޕޭޝަންޓެއް މަންދޫބެއްގެ ގޮތުގައި އައްޔަން ކުރުމާއި ޕްރީޕްލާންޓް ޖެނެޓިކް ޓެސްޓު ހެދުން އަދި ތެލެސީމިއާ މީހުންނަށް އެލަވަންސް ދިނުމާ ގުޅޭ މާއްދާއަށް އިސްލާހު ގެނައުމެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ތެލެސީމިއާ ކުދިން ދުނިޔޭގައި ތިބޭނެ ކަމަށް ލަފާކުރި އުމުރުވަރަށް ހަގު ނަމަވެސް މިހާރު އެ އުމުރު މަތިވެފައިވާ ކަމަށެވެ.

މިދިޔަ ހަފުތާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އުމުރުން 18 އަހަރުން ދަށުގެ 257 ކުދިން އަދި 18 އަހަރުން މަތީގެ 400 ތެލެސީމިއާ ޕޭޝަންޓުން ރާއްޖޭގައި އެބަތިއްބެވެ. އަދި މިހާރު ވެސް ރާއްޖެއިން ބޭރުގައި 10 ކުދިން ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަމުން ކަމަށް އޭނާ ވިދާޅުވިއެވެ.