އައްޑޫސިޓީ ކައުންސިލް އަލުން ކަނޑައަޅުއްވައި، އައްޑޫ މީދޫ ރަށު ކައުންސިލާއި އައްޑޫ ހުޅުދޫ ރަށު ކައުންސިލް ކަނޑައެޅުއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ "އައްޑޫ" އަކީ "އައްޑޫ ސިޓީ" ކަމުގައި ކަނޑައަޅައި، "އައްޑޫ ސިޓީ" ގައި ހިމެނޭނީ އައްޑުއަތޮޅު "ހިތަދޫ" އާއި "މަރަދޫ" އާއި "މަރަދޫފޭދޫ" އާއި "ފޭދޫ" ކަމަށާއި "އައްޑޫ" ގެ އިހުތިސޯސްގެ ބައެއްގެ ގޮތުގައި އޮތް "ހުޅުދޫ" އާއި "މީދޫ" އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ރައީސްގެ ގަރާރަކުން އެ އިސްލާހު ގެންނަވައި މިއަދު ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

އެ އިސްލާހާއެކު "އައްޑޫ ސިޓީ" އަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމުގައި ކަނޑައެޅުމަށް ނިންމައި، "އައްޑޫ ސިޓީ" ހިންގުމަށްޓަކައި، "އައްޑޫ ސިޓީ ކައުންސިލް" ގެ ނަމުގައި ކައުންސިލެއް އުފެއްދުމަށް ރައީސް ވަނީ ކަނޑައަޅުއްވައިފައެވެ.

މީގެ އިތުރުން "އައްޑޫ މީދޫ" ހިންގުމަށްޓަކައި، އައްޑުއަތޮޅު / ސ. އައްޑޫ މީދޫ ކައުންސިލް އުފެއްދުމަށާއި "އައްޑޫ ހުޅުދޫ" ހިންގުމަށްޓަކައި، އައްޑުއަތޮޅު/ ސ. އައްޑޫ ހުޅުދޫ ކައުންސިލް އުފެއްދުމަށް ރައީސް ވަނީ ކަނޑައަޅުއްވައިފައެވެ.

ރައީސް އޮފީހުން ބުނީ މި އިސްލާހުތަކަށް އަމަލުކުރަން ފަށާނީ ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބެއްގައި އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ އުމުރު ގުނަން ފަށާ ދުވަހުން ފެށިގެން ކަމަށެވެ.

އަދި އެ އިންތިހާބުގައި، އަލަށް އުފެދޭ އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ މީދޫ ކައުންސިލާއި އައްޑޫ ހުޅުދޫ ކައުންސިލަށް މެންބަރުން އިންތިހާބު ކުރުން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ބޭއްވުމަށް ރައީސް ކަނޑައަޅުއްވައިފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް މިގޮތަށް ނިންމެވީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތް ބަދަލުކޮށް، އެ އަތޮޅުގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ނެގި ވޯޓަށްފަހުއެވެ. އެ ވޯޓުގައި ހުޅުދޫ އަދި މީދޫ ރައްޔިތުން ނިންމީ ވަކި ކައުންސިލެއް އުފެއްދުމަށެވެ.