"ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" އަކީ މަސްތުވާތަކެތި ބޭނުންކުރުން ނިމުމަކަށް ގެނެސް، ދެން އޮތް ޖީލުތަކުގެ ދުޅަހެޔޮ ކަމަށް ސަރުކާރުން ކޮށްފައިވާ ވަރުގަދަ އިންވެސްޓްމަންޓެއް ކަމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އާ ގާނޫނުގެ ދަށުން 2007 ވަނަ އަހަރުގެ ފަހުން އުފަންވެފައިވާ ކުދިންނަށް އަދި އުފަންވާނޭ ކުދިންނަށް ދުންފަތުގެ ބާވަތްތައް މިއަދު ފެށިގެން މަނާވާނެއެވެ.
މިދިޔަ މެއި މަހު ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށާއި އަދި އުފަންވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން ރޭ 12:00 އިން ފެށިގެން މަނާވާނެއެވެ. އޭގެ ގަވާއިދު ވަރަށް އަވަހަށް ގެޒެޓުކުރާނެއެވެ.
ސޯޝަލް މީޑިޔާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ސާޖިދާ މިއަދު ވިދާޅުވީ މިއީ ވަރަށް ހިތްވަރުގަދަ ނިންމުމެއް ކަމަށާއި މިއީ މުޖުތަމައުގައި އޮތް ނުރަނގަޅު އާދައަކުން ޖީލެއް ސަލާމަތް ކުރުމަށް ކުރެގެ ވަރަށް މުހިންމު ފެށުމެއް ކަމަށެވެ. އަދި މިއީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ގައުމަކަށް ވުމަށް އެޅުނު ތާރީހީ ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވިއެވެ.
"މިއީ މަސްތުވާތަކެތި ބޭނުންކުރުން ނިމުމަކަށް ގެނެސް ބަލިތަކުން ރައްކާތެރިވުމަށް ސައިންސުގެ އެހީގައި ކުރިއަށް ގެންދާ މަސައްކަތެކެވެ. މިއީ އަޅުގަނޑުމެންގެ ޒުވާނުންނަށް އަދި އަންނަން އޮތް ޖީލުތަކުގެ ދުޅަހެޔޮ ކަމަށް ކުރެވުނު ވަރުގަދަ އިންވެސްޓްމެންޓެއް. މިއީ ރާއްޖެއަށް ފަހުރުވެރިވާ ދުވަހެއް،" ސާޖިދާ ވިދާޅުވިއެވެ.
އޭގެ އިތުރުން އެކަމަނާ ވިދާޅުވީ މިއީ މުޖުތަމައުގެ ނުރަނގަޅު އާދައަކުން ޖީލެއް ސަލާމަތްކުރުމުގެ ހިތްވަރުގަދަ ނިންމުމެއް ކަމަށެވެ.
ސިއްހީ ހިދުމަތްތެރިއެއްގެ ހައިސިއްޔަތުން، އަންނަން އޮތް ޖީލުތަކުގެ ސިއްހަތު ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް އެކަމަނާ ތައުރީފު ކުރެއްވިއެވެ.
އެ ގާނޫނުުގެ ހަ ވަނަ މާއްދާގައި އޮންނަނީ، 1 ޖެނުއަރީ 2007 ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް ފަރާތަކުން ދުންފަތުގެ ބާާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށެވެ. އެފަދަ ކަމެއް ކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި ދުންފަތުގެ އެއްވެސް ބާވަތެއް އަދި އުފެއްދުމެއް އެފަދަ ފަރާތަަކަށް ވިއްކުމަކީ މަނާކަމެއް ކަމަށްވެސް ގާނޫނުގައިވެއެވެ.
ދުންފަތުގެ ބާވަތްތައް ވިއްކުމަށް ރަޖިސްޓްރީކޮށް، އެ ބާވަތްތައް ވިއްކުމުގެ ލައިސަންސް އޮތް ފަރާތަކުން ނޫނީ، ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށާއި ގަންނަނީ ކާކުކަން ނޭނގޭ އެއްވެސް ފަރާތަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކައިގެން ނުވާނެ ކަމަށްވެސް ގާނޫނުގައި ބުނެފައިވެއެވެ.
ވިއްކުމުގެ ހުއްދަ އޮތް ފަރާތަކުންވެސް ދުންފަތުގެ ބާވަތެއް ވިއްކަންވާނީ، އެ ގަންނަ ފަރާތަކީ ދުންފަތުގެ ބާވަތްތައް ވިއްކުން ގާނޫނުން މަނާކޮށްފައިނުވާ ފަރާތެއްތޯ ކަށަވަރު ކުރުމަށް، އައިޑީކާޑު ނުވަތަ އެމީއެއްގެ އުމުރުން އަންގައިދޭ ރަސްމީ ލިއުމެއް ދެއްކުމުން ކަމަށްވެސް ބުނެފައިވެއެވެ.
ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުގެ ޒިންމާގެ ގޮތުގައި ގާނުގައިވަނީ، އެ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް، ދުންފަތުގެ ބާވަތްތައް ވިއްކުމަށް ރަޖިސްޓްރީކޮށް، އެ ބާވަތްތައް ވިއްކުމުގެ ލައިސަންސް އޮތް ތަނަކުން ނޫނީ ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކައިގެން ނުވާނެ ކަމަށް ގާނޫނުގައިވެއެވެ.
ގަންނަނީ ކާކުކަން ނޭނގޭ ގޮތަށް، ވެންޑިން މެޝިނަކުން، ނުވަތަ ޕޯސްޓްގެ ޒަރީއާއިން ނުވަތަ އޮންލަންކޮށް އަދި އެނޫންވެސް އަމިއްލައަށް ލިބިގަންނަ ހިދުމަތަކަށްވާ ގޮތަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކައިގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ ލިބިފައިވާ ތަނަކުންވެސް އެ ބާވަތެއް ނުވަތަ އުފެއްދުމެއް ވިއްކާ އިރު، އެ ގަންނަ މީހަކީ ދުންފަތުގެ ބާވަތްތައް ގަތުމަށް މި ގާނޫނުން މަނާކޮށްފައިވާ ފަރާތެއް ނޫންކަން ޔަގީން ކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެއް ކަމަށްވެސް ބުނެފައިވެއެވެ.
ފާތިމަތު ލިއުޝާ
މެޑަމް ސާޖިދާ މުހައްމަދު
މެޑަމް ސާޖިދާ މުހައްމަދު
މެޑަމް ސާޖިދާ މުހައްމަދު