ދ. ބަނޑިދޫ އަދި ދ. މީދޫގައި ގާއިމުކުރި އައިސްޕްލާންޓް ރަސްމީކޮށް ހުޅުވައިފިއެވެ.

އެ ދެ އައިސްޕްލާންޓް ރަސްމީކޮށް ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމެވެ. އެ އައިސްޕްލާންޓްތަކުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިފްކޯއިންނެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ދެ ރަށުގައިވެސް ގާއިމުކުރީ 30 ޓަނުގެ އައިސްޕްލާންޓަކާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީއެއް ކަމަށެވެ. އަދި އޭގެ ސަބަބުން އެ ދެ ރަށާއި އެ ސަރަހައްދުގެ މަސްވެރި ރަށްތަކުގެ މަސްވެރިންނަށް މަސް ގަނޑުކުރުމަށް ބޭނުންވާ އައިސް ލިބުމުގައި ކުރިމަތިވާ ދަތިކަން ހައްލުވެ، މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އަދި މި އައިސްޕްލާންޓްތަކަކީ މަސްވެރިކަމުގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މި ދެ އައިސްޕްލާންޓް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ދ. އަތޮޅުގެ މަސްވެރިންނަށް އައިސްގެ ދަތިކަމެއް ކުރިމަތިނުވެ، އެމީހުންގެ މަސްވެރިކަން އިތުރަށް ހަރުދަނާކޮށް، އާމްދަނީ އިތުރުކުރުމަށް އެހީތެރިވުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް އާ ހިތްވަރެއް ލިބި، ރަށު އިގުތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.