ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީދޭން ކަނޑައެޅި އުސޫލުގެ ދަށުން އެކަމަށް ކުރިމަތިލީ މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވާ 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދޭން ނިންމައިފިއެވެ.
އެ އުސޫލުގެ ދަށުން ފައިސާ ދެނީ ވަކި ޝަރުތުތަކެއް ހަމަވާ އަދި ވަކި މިންވަރަކަށް ޕޮއިންޓް ލިބޭ މީޑިއާތަކަށެވެ. އެ ފައިސާ ލިބޭ މީޑިއާތަކާއި ލިބޭ މިންވަރު މިހާރު އާންމުކޮށްފައިވާ އިރު، އެންމެ ގިނަ ފައިސާ ލިބެނީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)ގެ މަސްލަހަތު އޮންނަ ސަންގު ޓީވީއަށެވެ. ސަންގު ޓީވީ އާއި ސަންގު އޮންލައިނަށް ވަކިން ފައިސާ ލިބޭ ކަމަށް ވަނީ ކަނޑައަޅައިފައެވެ. އެއީ ސަންގު ޓީވީއަށް 3.8 މިލިއަން ރުފިޔާ އަދި ސަންގު އޮންލައިނަށް 1.3 މިލިއަން ރުފިޔާއެވެ. ޖުމުލަ 5.1 މިލިއަން ރުފިޔާއެވެ.
ދެވަނައަށް އެންމެ ގިނަ ފައިސާ ލިބެނީ އެސްއެސް މީޑިއާ އަށެވެ. އެއީ އެ މީޑިއާގެ ދަށުން ހިންގާ ސަން އޮންލައިނަށް 1.3 މިލިއަން ރުފިޔާ އަދި އެތަނުގެ ޓީވީ ޗެނަލް އެސްއެސްޓީވީއަށް ތިން މިލިއަން ރުފިޔާއެވެ.
ދެން އެންމެ ގިނައިން ފައިސާ ލިބޭ ވީޓީވީއަށް ވެސް ލިބެނީ ތިން މިލިއަން ރުފިޔާއެވެ. އަދި އެ ޗެނަލްގެ އޮންލައިން ނިއުސް ވީ ނިއުސްއަށް 1.1 މިލިއަން ރުފިޔާއެވެ.
އެހެން މީޑިއާތަކަށް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މިންވަރު:
- ވަން އޮންލައިން 1.3 މިލިއަން ރުފިޔާ
- ވޮއިސް - 1.3 މިލިއަން ރުފިޔާ
- ދަ ޕްރެސް - 1.3 މިލިއަން ރުފިޔާ
- ދައުރު - 1.3 މިލިއަން ރުފިޔާ
- މިހާރު - 1.2 މިލިއަން ރުފިޔާ
- ދި އެޑިޝަން (މިހާރުން ހިންގާ އިނގިރޭސި އޮންލައިން ނޫސް) - 1.1 މިލިއަން ރުފިޔާ
- ތިލަދުން - 1.2 މިލިއަން ރުފިޔާ
- އަދަދު އޮންލައިން - 1.2 މިލިއަން ރުފިޔާ
- ތީރު މީޑިއާ - 1.1 މިލިއަން ރުފިޔާ
- ދިޔަރެސް - 1.1 މިލިއަން ރުފިޔާ
- ގާފު އޮންލައިން - 1 މިލިއަން ރުފިޔާ
- މާލްދީފް އޮންލައިން - 899،197 ރުފިޔާ
އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
އާއިޝަތު މާހާ
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް