އާ ގާނޫނުގެ ދަށުން 2007 ވަނަ އަހަރުގެ ފަހުން އުފަންވެފައިވާ ކުދިންނަށް އަދި އުފަންވާނޭ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރުން ތަންފީޒުކުރަން ފެށުމަށް 24 ގަޑިއިރުގެ ދުވުމެއް ބާއްވަން ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި ޕޯސްޓެއްގައި ބުނިގޮތުގައި އެ ދުވުން އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ ހަވީރު 4:00 އަށް މާލޭ އެކުވެނި ދަނޑުގައެވެ. އެ ދުވުން ކުރިއަށްގެންދަނީ އާންމުކޮށް ހުޅުވާލައިގެން ބޭނުން ކޮންމެ މީހަކަށް ބައިވެރިވެވޭގޮތަށެވެ.

އެ ހަރާކާތް ކުރިއަށްދާއިރު ސެޒޭޝަން ކްލިނިކްގެ އެހީތެރިކަމާއި ސިއްހީ ރަނގަޅު އާދަތަކަށް އަހުލުވެރިކުރުވުމާއި މައުލޫމާތު ދިނުން، ލައިވް މިއުޒިކް އަދި ފޮޓޯ ބޫތެއް ހިމެނޭނެއެވެ.

މިދިޔަ މެއި މަހު ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށާއި އަދި އުފަންވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނެއެވެ. އޭގެ ގަވާއިދު ވަރަށް އަވަހަށް ގެޒެޓުކުރާނެއެވެ. އެހެންވެ، ކޮންމެ އުމުރެއްގެ މީހަކަށް ވިޔަސް އެފަދަ ބާވަތެއް ދެން ވިއްކޭނީ އުމުރު ކަށަވަރުކުރުމަށްފަހުގައެވެ.