ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޅ. ހިންނަވަރުގައި ބްރާންޗެއްގެ ބިންގާ އަޅައިފިއެވެ.

އެ ބްރާންޗުގެ ބިންގާ އެޅުމަށް މިއަދު ހިންނަވަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި އެ ބޭންކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިހާރުވެސް ބީއެމްއެލުން އަންނަނީ ޅ. ނައިފަރުގައި ގާއިމުކޮށްފައިވާ ބޭންކުގެ ބްރާންޗު މެދުވެރިކޮށް، އަތޮޅުގެ ރައްޔިތުންނަށް ބޭންކިން ހިދުމަތް ފޯރުކޮށްދެމުންނެވެ. އަދި އެ ބޭންކުން ވަނީ ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތްވެސް ގާއިމުކޮށްފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 200 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 258 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.