ތައިލެންޑާއި ކެމްބޯޑިއާ ސުލްހައިގެ އެއްބަސްވުމަކަށް ދިއުމުގެ މަސައްކަތް ފަށައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެލޭޝިޔާގައި އޮންނަ އާސިއާން ލީޑަރުންގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގައި ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ހަދައި ސޮއިކުރުމަށް ވަނީ ނިންމައިފައެވެ.

ޓްރުތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ މެލޭޝިޔާ ދަތުރުގައި އެކަން ކޮޅެއްގައި ޖެހިގެން ދާނެ ކަމަށް ފާހަގަކުރައްވައިފައެވެ. މެލޭޝިޔާއަށް ފައިބައިވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ކުރައްވާނީ އެކަން ކަމުގައި ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ތައިލެންޑުން ވަނީ އެ ގައުމުގެ ރާނީ އަވަހާރަވެފައިވުމާއެކު އެކަމުގެ ހިތާމައިގައި ގައުމު އޮތް ދަނޑިވަޅުގައި ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރުން ލަސްކޮށްދިނުމަށް އެދިފައެވެ.

ތައިލެންޑާއި ކެމްބޯޑިއާ މިދިޔަ ޖުލައި މަހުން ފެށިގެން ބޮޑު ހަމަނުޖެހުމަކަށް ގޮސް ދެ ގައުމުގެ މިލިޓަރީން ވެސް ވަނީ ހަމަލާތައް ބަދަލުކޮށް ބޯޑަރު ސަރަހައްދު ބޮޑު ބިރުވެރިކަމަކަށް ވައްޓާލައިފައެވެ.

ރިޕޯޓުތައް ބުނާގޮތުން ތައިލެންޑާއި ކެމްބޯޑިއާ ދެމެދު ހިނގި މި ހަމަނުޖެހުމުގައި 40 މީހަކު މަރުވެ 300،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައިވެއެވެ.