ފިސްކަލް ރިފޯމް ފިޔަވަޅުތަކުގެ ދަށުން ދައުލަތުގެ ޖުމުލަ ހަރަދު 15.3 ޕަސަންޓަށް ކުޑަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން މިއަހަރުގެ 16 ވަނަ ދުވަހުގެ ނިޔަލަށްވަނީ 30.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން އެއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅައިބަލާއިރު 15.3 ޕަސެންޓު ދަށް އަދަދެކެވެ. ރިޕޯޓުގައި ބުނީ ރިކަރަންޓް ހަރަދު 0.2 ޕަސެންޓު އަދި ކެޕިޓަލް ހަރަދު 58.1 ޕަސެންޓުން ދަށްވެފައިވާ ކަމަށެވެ.

ރިކަރަންޓުގެ ހަރަދުގެ 59.1 ޕަސަންޓަކީ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ކޮށްފައިވާ ހަރަދުތައްކަމަށް ރިޕޯޓުގައި ބުންޏެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅަބަލާއިރު 2.9 ޕަސެންޓު ދަށް އަދަދެއްކަމަށް ރިޕޯޓޫގައި ބަޔާންކޮށްފައިވެއެވެ. އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ހަރަދު 13 ޕަސެންޓުން ދަށްވެފައިވާ ކަމަށާއި މަރާމާތު ކުރުމާއި މެއިންޓެނަންސްގެ ހަރަދުވެސް ވަނީ 3.3 ޕަސަންޓަށް ދަށްވެފައިކަމަށް ރިޕޯޓުގައި ބުންޏެވެ.

ނަމަވެސް މުސާރަ އާއި ޕެންޝަނަށް ކުރާ ހޭދަ މިދިޔަ އަހަރާ އަޅައިބަލާއިރު މިއަހަރު އިތުރެވެ މި އަހަރުގެ މިހާތަނަށް މުސާރަ އަށް 10.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ އަދަދު ހުރީ 10.2 ބިލިއަން ރުފިޔާގައިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.