ށ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު މާލެ ވަޑައިގަންނަވައިފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ އެ ދަތުރުފުޅުގައި ށ އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށް ކަމަށްވާ ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫ އަދި މާއުނގޫދުއަށް ވަނީ ޒިޔާރަތްކުރައްވައިފައެވެ.

އެ ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރަށާއި ރައްޔިތުންގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ އެ ދަތުރުފުޅުގައި އަތޮޅުގެ އެކި ރަށްރަށަށް އަމާޒުކުރައްވައިގެން، ތަރައްގީގެ މަސައްކަތްތައް ފައްޓަވައި، ތަރައްގީގެ އެކި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވާ ކަމަށެވެ.

ރައީސްގެ އެ ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރައްވައި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރައްވައި، ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލު ބެއްލެވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެ މަނިކުފާނު ކުރެއްވި ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ އެ ދަތުރުފުޅުގެ ތެރެއިން ވަނީ ށ އަތޮޅުގެ ތިން ރަށެއްގައި ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތް ފަށައިފައެވެ. އެއީ ބިލެތްފަހި އެއާޕޯޓާއި ކޮމަންޑޫ އެއާޕޯޓު އަދި މިލަންދޫ އެއާޕޯޓެވެ. އެ ތިން އެއާޕޯޓުގެ މަސައްކަތް ނިންމައި، 30 މަސް ދުވަސްތެރޭ ހުޅުވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.