އާންމުކޮށް ބޭނުންކުރާ ފައިދާ ހުރި ކާނާ ހެޔޮއަގުގައި ދާއިމީ ގޮތެއްގައި ބާޒާރުން ލިބޭނެކަން ކަށަވަރުކުރުމުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގުޅުވައި އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ސަރުކާރުން ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އަޅުއްވާފައިވާ ބައެއް ފިޔަވަޅުތަކަށް އަލިއަޅުއްވާލެއްވައި މިއަދު ވިދާޅުވީ، ދުންފަތާއި ވޭޕްގެ ބާވަތްތަކުން ރައްޔިތުން ދުރުހެލިކުރަން ސަރުކާރުން ފެށި މަސައްކަތުގެ މަގުސަދަކީ ހަށިގަނޑަށް ގެއްލުން ލިބޭ ކެއިންބުއިމުގެ އާދަތަކާ ރައްޔިތުން ދުރުހެލިކުރުވުން ކަމަށެވެ.
ސަރުކާރުން ވަނީ އަސާސީ ކާބޯތަކެތީގެ ލިސްޓަށް މޭވާ އާއި ތަރުކާރީ އިތުރުކޮށް މި މަހުގެ 15 ވަނަ ދުވަހު އެސްޓީއޯ މެދުވެރިކޮށް ބާޒާރަށް ނެރެފައެވެ.
"ރާއްޖޭގައި އާއްމުކޮށް ބޭނުންކުރާ ފައިދާހުރި ރަނގަޅު ކާނާ ހެޔޮއަގުގައި އަބަދުމެ ބާޒާރުން ލިބޭނެ މަގު ފަހިކުރަންވެސް ސަރުކާރުން މިދަނީ އަމަލީ ފިޔަވަޅުތަކެއް އަޅަމުން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބަލިތަކާއި ދުރުހެލި ދުޅަހެޔޮ މުޖުތަމައެއް ހޯދުމަށާއި ދަރީންނަކީ ސިއްހަތު ރަނގަޅު ކުދިބަޔަކަށް ހެދުމުގައި އެންމެ އިސްކަމެއް ދޭން ޖެހެނީ، ކެއިން ބުއިމުގައި ސިއްހީ އާދަތައް ހިފެހެއްޓުމަށް ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ގައުމީ ފެންވަރުގައި ރައްޔިތުން އެ ކަންކަމަށް ހޭލުންތެރިކުރުމަށް ފުޅާ ދައިރާއެއްގައި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު