މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏަށް އެސްޕެޓް ސިސްޓަމް ދޫކޮށްލަން ގާނޫނީ ލަފާ ދެއްވާފައިވޭތޯ ސުވާލުކުރަން އެޓާނީ ޖެެނެރަލް (އޭޖީ) އަހުމަދު އުޝާމް ރައްޔިތުންގެ މާދަމާގެ ޖަލްސާއަށް ހާޒިރުކުރަން ނިންމައިފިއެވެ.

އެ މައްސަަލައިގައި ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި އޭޖީއާ ސުވާލުކުރަން ހުށަހަޅުއްވާފައިވަނީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ.

އޭޖީއަށް ކުރަން ހުށަހަޅުއްވާފައިވާ ސުވާލުގައި މެންބަރު ވިދާޅުވެފައިވަނީ ދިވެހިން ބަލަހައްޓަމުންދިޔަ އެކްސްޕެޓް ސިސްޓަމް ދޫކޮށްލައި ބިދޭސީންގެ ކަންކަން ބެލެހެއްޓުން މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ 15 އަހަރުދުވަހުގެ މުއްދަތަށް ހަވާލުކުރުމުން އަހަރެއްގެ މައްޗަށް ދައުލަތަށް 450 މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލޭނެ ކަމަށެވެ.

މެލޭޝިއާގެ ކުންފުންޏަށް އެކަން ހަވާލުކުރީ، އެގްރީމެންޓް ބާތިލުކުރުމުން 13.7 މިލިއަން ޑޮލަރުގެ ބަދަލެއް ދޭންޖެހިދާނެތީ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވާ އިރު، އެ ކުންފުންޏަށް ބަދަލުދިނުމުގެ ބަދަލުގައި ކޮންޓްރެކްޓަށް އަމަލުކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ގާނޫނީ ލަފާދީފައިވާނެތޯ މެންބަރު ވަނީ ސުވާލު ހުށަހަޅުއްވައިފައެވެ. އަދ،ި އެ ލަފާދިނީ ކޮން އުސޫލަކުން ކަމާއި، ކޮން ހިސާބުތަކަކަށް ބިނާކޮށްގެންތޯވެސް ސުވާލުކުރަން ވަނީ ހަަމޖެހިފައެވެ.

މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާއެކު އެސްޕެޓް ސިސްޓަމެއް ހަދަން އެއްބަސްވީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހެދި އެއްބަސްވުން ކުރިއަށް ނުގޮސް، ގެއްލުމުގެ ބަދަލު ދޭން ޖެހޭތީ ކަމަށް މިނިސްޓަރު އިހުސާން މީގެކުރިން ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ އެ އެއްބަސްވުމާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި 13.7 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދޭންޖެހޭތީ، އެއްފަހަރާ އެ ފައިސާ ދެއްކެން ނެތުމުން އޭގެ ބަދަލުގައި އާ އެކްސްޕެޓް ސިސްޓަމެއް ގާއިމުކުރުމުގެ އެއްބަސްވުމަކަށް ދިޔައީ ކަމަށެވެ.