ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ދޫކޮށްފައި ހުންނަ ފުލެޓުތައް އެހެން ފަރާތްތަކަށް ބޮޑު އަގުގައި ކުއްޔަށް ދިނުން ހުއްޓުވުމަށް ގާނޫނު ބަދަލުކޮށްގެން ނަމަވެސް ހައްލެއް ހޯދާނެ ކަމަށް ހައުސިން މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ސޯޝަލް ހައުސިންގެ ފްލެޓްތައް ބޮޑު އަގުގައި އެހެން ފަރާތްތަކަށް ކުއްޔަށް ދޭ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ބައެއް ތަންތަން 20،000-25،000ރ އަށް ކުއްޔަށް ދީފައި އެބަހުރި ކަމަށާއި ހިޔާ ފްލެޓްގައި ލޭބަރ ކުއާޓާ ހިންގާކަމުގެ މައުލޫމާތުވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ.
"ރޮއި އާދޭސްކޮށްގެން ހޯދާ ފްލެޓްވެސް އެންމެ ފަހުން ކުއްޔަށް މިދެނީ. ސަރުކާރުން އެއްވެސް ގޮތަކަށް ގަބޫލެއް ނުކުރަން އެކަން ކުރެވޭނެ ކަމަކަށް" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެފަދަ މައްސަލަތައް ސީރިއަސް ގޮތެއްގައި ބަލައި ހައްލު ގެންނާނެ ކަމަށެވެ.
"މި ސަރުކާރުން އިރާދަކުރެއްވިއްޔާ އެކަން ގާނޫނުގެ ތެރެއަށް ލައިގެން ނަމަވެސް ހައްލުކުރުމުގެ މަސައްކަތް ކުރާނަން. އަޅުގަނޑަށް އެނގޭ ދަތިކަމެއްކަން. ކުއްޔަށް ނަގާ ފަރާތްތަކުން ވެސް މައުލޫމާތު ދޭކަށް ބޭނުމެއް ނުވޭ، ތިބޭ ފަރާތުންވެސް މައުލޫމާތު ދޭކަށް ބޭނުމެއް ނުވޭ" މުއްތަލިބު މިއަދު ވިދާޅުވި އެވެ.
ސޯޝަލް ހައުސިން ސްކީމްތަކުން ދޫކުރާ ފްލެޓްތައް ކުއްޔަށް ދިނުން ހުއްޓުވާނެ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވެފައިވާއިރު، މި ފަހުން ވަނީ ގެދޮރުވެރިޔާ ސްކީމުން ދޫކުރާ ފްލެޓްތައް 25،000ރ އަށް ކުއްޔަށް ދޫކުރަން ބައެއް ފަރާތްތަކުން އިޝްތިހާރުކޮށްފައެވެ. އެ މައްސަލަ ގެދޮރުވެރިޔާ ފްލެޓްތައް ހަދާ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބަލަމުން އަންނައިރު، ހުޅުމާލޭގެ މިލްކުވެރިޔާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ވަނީ އެ ކޯޕަރޭޝަންގެ ފްލެޓްތައްވެސް ކުއްޔަށްދޭތޯ ބަލަމުން އަންނަ ކަމަށް ބުނެފައެވެ.
އަލީ ޔާމިން
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު