ޔުކްރޭނުގައި ހިގަމުންދާ ހަގުރާމަ މުޅި ޔޫރަޕަށް ފެތުރުމުގެ ބިރު މިހާރުވަނީ އިތުރުވެފައެވެ. ނޭޓޯއާއި ރަޝިޔާގެ ސީދާ ކުރިމަތިލުމަކަށް ބަދަލުވެދާނޭ ކަމުގެ ކުލަވަރު ދަނީ ފެންނަމުންނެވެ. ނޭޓޯ މުއާހަދާގެ ފަސްވަނަ މާއްދާ ބުނާގޮތުން މެންބަރު ގައުމަކަށް ހަމަލައެއް އަމާޒުވެއްޖެނަމަ އެބަޔަކާ ދެކޮޅަށް މުޅި ނޭޓޯ ތެދުވާނެއެވެ. ކޮންމެއަކަސް މިހާރު ފެންނަމުންދަނީ ޔުކްރޭނުގެ ހިޔަނީގައި ތިބެގެން ނޭޓޯގެ ގައުމުތަކުން ރަޝިޔާއަށް ދުއްތުރާ ކުރަމުންދާ މަންޒަރާއި މިކަމުގެ ރައްދުގައި ރަޝިޔާއިން ނޭޓޯގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދުގައި ޑްރޯން އުދުއްސާ މަންޒަރެވެ. ކޮންމެއިރަކުވެސް ހަގުރާމައިގެ ހުޅުގަޑު ފަޅައިގެންދާ ވަރަށް މަސްރަހު އޮތީ ގޯސްވެފައެވެ. މިހިސާބުން އުފެދެނީ ސުވާލެކެވެ. ނޭޓޯއަކީ ކޮބައިހެއްޔެވެ. ރަޝިޔާއާއި ނޭޓޯއާ ކޮން ބެހުމެއް ހެއްޔެވެ. ޔުކްރޭނުގެ ކަންކަމުގެ ތެރެއަށް ނޭޓޯ ވަންނަނީ ކީއްވެގެން ހެއްޔެވެ. މި ސުވާލުތަކުގެ ޖަވާބު ލިބިގަތުމަށްޓަކައި ތާރީޚުގެ ތެރެއަށް ޖެހިލަމާބަހީއެވެ.

ޔޫރަޕުގެ ގައުމުތަކުގެ ދިފާއުގައި އެމެރިކާއިން ޖަމިއްޔާއެއް އުފައްދާފައިވެއެވެ. އެ ޖަމިއްޔާއަށް ކިޔަނީ ނޭޓޯއެވެ. ނަމުގެ ދިގު ގޮތަކީ ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަނެވެ. އެޓްލާންޓިކް ކަނޑުގެ އުތުރުބިތުން އައްސޭރިއެއް ލިބިގެންވާ ގައުމުތަކުގެ މުއާހަދާއެކޭ ކިޔަސް މި ޖަމާއަތުގައި ހިމެނެނީ ހަމައެކަނި އެބުނާ ސަރަހައްދުގެ ގައުމުތަކެއް ނޫނެވެ. މިޖަމިއްޔާގައި ޖުމްލަ ބައްތިރީސް ގައުމު ހިމެނޭއިރު އެޓްލާންޓިކާ އެއްވެސް ގުޅުމެއްނެތް ގައުމުތަކެއްވެސް އެބަހުއްޓެވެ. ތުރުކީވިލާތާއި ގްރީސް އަދި އިޓަލީ ކަހަލަ ގައުމުތަކެވެ. މިޖަމިއްޔާ ވުޖޫދު ކުރެވުނީ 4 އެޕްރީލް 1949 ގައެވެ. މަޝްހޫރު ދެވަނަ ބޮޑު ހަގުރާމަ ނިމުނުތާ ހަތަރު އަހަރު ފަހުންނެވެ. މަގުސަދަކަށްވީ އެމެރިކާޔާއި އެމެރިކާގެ ބައިވެރިން ގުޅިގެން ރޫސީވިލާތާ ކުރިމަތިލުމެވެ. މިދެންނެވި ހަގުރާމަ ނިމުމާއެކު ދެން ފެށުނީ އިރުމައްޗާއި ހުޅަގުގެ އައު ހަގުރާމައެކެވެ. އެޔަށް ކިޔަނީ ފިނި ހަގުރާމައެވެ. މިއީ ރޫސީވިލާތާއި އެމެރިކާޔާ ދެމެދު ކުރިއަށްދިޔަ ވާދަވެރި ކަމެކެވެ.

އެއްބަޔަކު ތިބެނީ އަނެއް ބައެއްގެ ކަނދުރާއަށް ކަނޑި މަޅައިގެންނެވެ. ނޭޓޯ އުފަންވީ މިދެންނެވި ފިނި ހަގުރާމައިގެ ތެރެއިންނެވެ. އެހެންވީމާ ނޭޓޯ ޖަމާއަތުގައި ބައިވެރިކޮށްފައިވަނީ ރޫސީވިލާތް ބައްދައިލެވޭނެހެން ބޭނުން ކުރެވޭނޭ ގައުމުތަކެވެ. ނޭޓޯއާއި ވާދަޔަށް ރޫސީވިލާތުންވެސް ދިފާއީ ޖަމިއްޔާއެއް އުފެއްދިއެވެ. އެޔަށް ކިޔަނީ ވޯސޯ ޕެކްޓެވެ. ނުވަތަ ވޯސޯ މުއާހަދާއެވެ. އެނަން ދެވުނީ ޕޮލެންޑުގެ ވެރިރަށް ވޯސޯގައި 14 މެއި 1955 ގައި ވުޖޫދު ކުރެވުނު ޖަމިއްޔާއަކަށް ވާތީއެވެ. މިޖަމާއަތުގައި ހިމެނުނީ އެދުވަސްވަރު ރޫސީވިލާތުގެ ނުފޫޒު ފެތުރިފައިވާ އިރުމަތީ ޔޫރަޕުގެ ގައުމުތަކެވެ. އިރުމަތީ ޖަރުމަނާއި ޕޮލެންޑާއި ރުމޭނިޔާ ކަހަލަ ގައުމުތަކެވެ. އެދުވަސްވަރުގެ ރޫސީވިލާތަކީ މިހާރުގެ ރޫސީވިލާތެއް ނޫނެވެ. އޭރު ކިޔަނީ ސޯވިއެޓް ޔޫނިއަންއެވެ. މިދެންނެވި ޔޫނިއަންގައި ހިމެނުނީ މިހާރުގެ ރަޝިޔާއާއެކު ޖުމްލަ ފަނަރަ ޖުމްހޫރިއްޔާއެވެ. ޔުކްރޭނާއި ބިލަރޫސްއާއި މޮލްޑޯވާޔާއި އަޒަބައިޖާނާއި އުޒްބެކިސްތާނުވެސް ހިމެނޭގޮތުންނެވެ.

ސޯވިއެޓް ޔޫނިއަނަކީ އަސްކަރީ ބާރަކަށްވިޔަސް އިގްތިސާދީ ބާރެއް ނޫނެވެ. އެހެންވެގެން ދިމާވި ތަފާތު ކަންތައްތަކާ ގުޅިގެން 25 ޑިސެމްބަރު 1991 ގައި ސޯވިއެޓް ޔޫނިއަން ރޫޅިގެން ހިގައްޖެއެވެ. އޭރު ވެރިޔަކީ މިޚާއީލް ގޮރްބަޗޯފެވެ. ސޯވިއެޓް ޔޫނިއަން ރޫޅިގެންގޮސް މުޅިން އައު ފަނަރަ ގައުމު އުފެދިއްޖެއެވެ. މިހާރުގެ ރަޝިޔާވެސް ހިމެނޭގޮތުންނެވެ. ރަޝިޔާގެ އައު ލީޑަރަކަށްވީ ބޮރިސް ޔެލްސިންއެވެ. ސޯވިއެޓް ޔޫނިއަން ރޫޅިގެން ދިއުމުގެ ހަމަސް ކުރިން 1991 ގެ ޖުލައި މަހުގެ ތެރޭގައި އެއްކަލަ ވޯސޯ ޕެކްޓް ޖަމިއްޔާ އޮތީ އުވާލައިފައެވެ. ނޭޓޯއަކީ ސޯވިއެޓް ޔޫނިއަނުގެ ކިބައިން ދިފާއުވުމަށޭ ކިޔައިގެން އުފެއްދި ޖަމިއްޔާއެކެވެ. ސޯވިއެޓް ޔޫނިއަން ރޫޅިގެން ދިޔައީމާ ނޭޓޯ ދެމިއޮތުމުގެ މަގުސަދުވެސް ނެތުނީއެވެ. އެކަމަކު ނޭޓޯ އުވައެއް ނުލިއެވެ. އައު ބާރެއްލައިފައި ނޭޓޯ ފުޅާކުރުމުގެ މަސައްކަތް ފެށީއެވެ. ސޯވިއެޓް ޔޫނިއަންގައި ކުރިން ހިމެނުނު ބައެއް ޖުމްހޫރިއްޔާތައްވެސް ނޭޓޯގައި ބައިވެރިކުރީއެވެ.

ނުވިތާކަށް ވޯސޯ ޕެކްޓްގައި ހިމެނުނު ގިނަ ގައުމުތައްވެސް ނޭޓޯއަށް ވައްދައިފިއެވެ. ޕޮލެންޑުވެސް ހިމެނޭ ގޮތުންނެވެ. ބަލަން އޮވެފައި ރަޝިޔާއިން ބުންޏެވެ. ތިޔައީ ރަޝިޔާއާ ދެކޮޅު ޖަމިއްޔާއަކީތާއެވެ. ހުޅަގުން ބުންޏެވެ. ނޫނެކެވެ. އެކަހަލަ ކަމެއް ނޫނެވެ. މިއީ އެކުވެރިކަން ބަދަހިކުރުމެކެވެ. ރަޝިޔާއިން ބުންޏެވެ. އެހެންވިއްޔާ އަހަރެމެންވެސް ބައިވެރިކުރާށެވެ. ރަޝިޔާ ބޭނުންވީ ހުޅަގުގެ މަގުސަދު ބޭޒާރު ކުރުމަށެވެ. އެކަންވެއްޖެއެވެ. ރަޝިޔާ ބައިވެރިއެއް ނުކުރިއެވެ. އެހިސާބުން ޔަގީންވީ ނޭޓޯގެ ހަގީގީ ބޭނުމަކީ ރަޝިޔާ ފުނޑައިލުން ކަމެވެ. އެހިސާބުން ރަޝިޔާއިން އިއުލާން ކުރިއެވެ. ފުދިއްޖެއެވެ. މިއަދަށްފަހު ސޯވިއެޓް ޔޫނިއަނުގައި ކުރިން ހިމެނުނު އެއްވެސް ޖުމްހޫރިއްޔާއެއް ނޭޓޯއަށް ވައްދައިގެން ނުވާނެއެވެ. މިދަމާލީ ރަތް ރޮނގެކެވެ. އެރޮނގު ހުރަސްކޮށްގެން ނުވާނެއެވެ. ރަޝިޔާއިން މިއިންޒާރު ދިނުމުގެ ކުރިން ލިތުއޭނިޔާ، ލެޓްވިޔާ އަދި އެސްޓޯނިއާ އޮތީ ނޭޓޯއަށް ވައްދައިފައެވެ. އެއީ ކުރީގެ ސޯވިއެޓް ޖުމްހޫރިއްޔާތަކެވެ.

ރަޝިޔާގެ އިންޒާރު އައިއިރު ޔުކްރޭނާއި ޖޯޖިޔާވެސް ނޭޓޯއަށް ވެއްދުމުގެ މަޝްވަރާތައް ދިޔައީ ކުރެވެމުންނެވެ. އެކަމަކު މިއިންޒާރާ ގުޅިގެން އެކަން ވަގުތީގޮތުން މެދުކެޑުނެވެ. ޖަރުމަންވިލާތުގެ އޭރުގެ ވެރިޔާ އަންޖެލާ މާކެލް އާއި ފަރަންސޭސިވިލާތުގެ އޭރުގެ ވެރިޔާ ނިކޮލަސް ސަކޯޒީ ވިދާޅުވަމުން ގެންދެވީ ޔުކްރޭނު ބައިވެރިކުރުމަކީ ރަޝިޔާއިން ހަގުރާމަ އިއުލާން ކުރާނޭ ކަމެއް ކަމުގައެވެ. އެހެންވީމާ އެކަން ނުކުރާނޭ ކަމުގައެވެ. އެބޭފުޅުން އެހެން ވިދާޅުވަމުން ގެންދެވިޔަސް އެމެރިކާއިން ދިޔައީ ޔުކްރޭނު ބައިވެރި ކުރުމަށް ވަކާލާތު ކުރަމުންނެވެ. އެމެރިކާގެ ރައީސް ބުޝްގެ ޕްރެޝަރާހެދި ފްރާންސާއި ޖަރުމަނަށް އެންމެ ފަހުން މަޖުބޫރުވީ ގޮތްދޫކޮށް އެމެރިކާއަށް ދީލައިލުމަށެވެ. މިއީ ފަހުގެ ތާރީޚުގައި ޔޫރަޕުން ހެދި އެންމެ ބޮޑު ގޯހެވެ. މިއަދު ޔޫރަޕުގައި ހިގަމުންއެދާ ހަގުރާމަޔަކީ މިގޯހުގެ ސަބަބުން އުފަންވި ނަތީޖާއެކެވެ. ޔުކްރޭނުގެ ހަގުރާމަ އެއޮތީ ސީދާ ނޭޓޯއާއި ރަޝިޔާގެ ކުރިމަތިލުމަކަށް ބަދަލުވުމުގެ ތުންފަތްމަތީގައެވެ.