ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ މަހު ނުވައެއްގައި ރަސްމީކޮށް ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.
ހަނިމާދޫ އެއާޕޯޓް މިހާރު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ފަސެންޖާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި އެގޮތުން އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެ ތަން ހުޅުވާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ، އެއާޕޯޓުގެ އާ ރަންވޭ ފުރިހަމައަށް ބޭނުންކުރުމަށްޓަކައި މިހާރު ބޭނުންކުރާ ޓާމިނަލް ތަޅާލަން ޖެހޭތީ އާ ޓާމިނަލް މި މަހުވެސް ބޭނުން ކުރާނެ ކަމަށެވެ.
ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ކަމާ ގުޅުންހުރި ފަރާތްތަކާ ހިއްސާކުރުމަށް އެމްއޭސީއެލްއިން މިދިޔަ އާދިއްތަ ދުވަހު ބައްދަލުވުމެއްވެސް ބޭއްވިއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ކުރިއަށް ގެންދާ ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން އަލަށް ގާއިމު ކުރި ރަންވޭ އަކީ 2.7 ކިލޯމީޓަރުގެ ދިގު ރަންވޭ އެކެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީކުރުމުގެ މަޝްރޫއު ފަށާފައިވަނީ 18 ޖެނުއަރީ 2023 ގައެވެ.
އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ވަނަ އަހަރު ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެ ކަމަށް ކުރީން އިއުލާނުކޮށްފައިވެއެވެ. އަދި އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމުކުރާނެ ކަމަށް ބުނެފައިވެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
އަލީ ޔާމިން
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި