އދ. ކުނބުރުދޫގައި އަންނަ އަހަރު ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އދ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި މިއަދު ކުނބުރުދުއަށް ވަޑައިގެންފައިވާ އިރު، މިއީ މިދިޔަ 16 އަހަރު ދުވަހުގެ ތެރޭގައި ރައީސަކު އެ ރަށަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ކުނބުރުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ކުނބުރުދޫއަކީ އެ އަތޮޅުގެ ނިސްބަތުން އެންމެ ބިން ކުޑަށް ރަށަށްވުމާ އެކު އަލަށް އިތުރުކުރެވޭ ބިމާއި ބަނދަރުގެ މަޝްރޫއާ އެކު ބޯހިޔާވަހިކަމާއި އެހެނިހެން ދާއިރާތަކުން ވެސް ރަށުގެ ރައްޔިތުންނަށް ކުރިއެރުންތައް ލިބޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ، އެ ރަށުގެ ބިމުގެ ޖާގަ އޮތް މިންވަރަށް ބަލައި އެ ރަށުގައި އަންނަ އަހަރު ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަވައިދެއްވާނެ ކަމަށެވެ. ނަމަވެސް އެކަމުގެ މާ ބޮޑު ތަފްސީލެއް އެ މަނިކުފާނު ނުދެއްވައެވެ.

"ބިން ހިއްކެންވާއިރަށް ވެސް ރަށުގައި މިހާރު އޮތް ބިމުން ލޭންޑް ޔޫސް ޕްލޭންގެ ތެރެއިން ޖާގަ އޮތް މިންވަރެއް ބަލައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން މި ރަށުގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގައިދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަންނަ މަހުގެ ތެރޭގައި ކުނބުރުދޫގެ ބިން ހިއްކުމާއި ބަނދަރުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށާއި ގިނަވެގެން ދޮޅު އަހަރު ތެރޭގައި އެ މަޝްރޫއުތައް ނިންމައިލެވޭނެ ކަމަށެވެ. އެ މަޝްރޫއު މިއަދު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

ރައީސް މިއަދު ވަނީ ކުނބުރުދޫގެ ފުޓުބޯޅަ ދަނޑާއި މަލްޓިޕާޕަސް ކޯޓުގެ ހުޅުވައިދެއްވައިފައެވެ.