މާފަރުފަޅުން ހިއްކާ 67 ހެކްޓަރު ދިހަ މަސްތެރޭ، އދ. މަހިބަދޫ ރައްޔިތުންނާ ހަވާލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މާފަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ވަނީ ފަށައިފައެވެ. އާބަން ސެންޓަރުގެ ގޮތުގައި، އެ ފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްގެންނެވެ.
މަހިބަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއު ނުހުއްޓި، ބާރު ސްޕީޑުގައި ކުރިއަށްދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށާއި އެ މަރުހަލާ ނިންމުމަށްފަހު ތަރައްގީގެ ދެން ހުރި މަރުހަލާތައް ކުރިއަށްގެންދަވާނެ ކަމަށެވެ.
"މި ފެށޭ މަސައްކަތް މިއަދުން ފެށިގެން ގިނަވެގެން ދިހަ މަސްދުވަހުގެ ތެރޭގައި ނިންމައި، 67 ހެކްޓަރު ތިބޭފުޅުންނާ ހަވާލުކުރެވިގެންދާނެ. އެ ފެށުނީ ހަގީގީ މަސައްކަތް. ބިމެއް އޮވެގެން ކަމެއް ވާނީ. މިހާރު ދެން އޮތް މަރުހަލާއަށް ވެސް ސަރުކާރުން މިދަނީ ތައްޔާރުވަމުން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ނިމެންދެން ވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށާއި އެގޮތުން މަހިބަދޫގައި އަންނަ އަހަރު 150 ޔުނިޓުގެ ހައުސިން ޔުނިޓު ހެދުމުގެ މަޝްރޫއެއް ފެށިގެންދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު