ދައުރުގެ މުއްދަތު ހަމަވާން ދެ މަހަށް ވެފައި އޮތަސް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލެއްވީ އެ ނިޒާމު ހިނގާ ގޮތް ބައްލަވައި ތަޖުރިބާ ކޮށްލެއްވުމަށް ޝައުގުވެރިވެވަަޑައިގަންނަވާތީ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނަވަނިކޮށް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނިންމުމަކާ ގުޅިގެން މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ވޯޓަކުން މަހާޒް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރިއެވެ.
ނަމަވެސް ޓްރައިބިއުނަލަށް ދެ މެންބަރުން އައްޔަންކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ޑރ. މުހައްމަދު އިސްކަންދެއްވާ ތަރުތީބުން މަޖިލީހަަށް ފޮނުއްވެވި ހަތް ބޭފުޅުން ހިމެނޭ ލިސްޓުގެ އެންމެ ފުރަތަމައަށް އޮތީ މަހާޒުގެ ނަމެވެ.
އެ މައްސަލަ ދިރާސާކުރަން ފޮނުވި، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ވަނީ އެ ބޭފުޅުންނާ އިންޓަވިއުކޮށްފައެވެ.
އެ އިންޓަވިއުގައި މެންބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން، ޓްރައިބިއުނަލް މެންބަރުކަމުގެ މުއްދަތު ހަމަވާން ދެމަސްދުވަހުގެ ކުރު މުއްދަތެއް އޮއްވައި އެ މަގާމަށް ކުރިމަތިލެއްވި ސަބަބާ ބެހޭގޮތުން ކުރެއްވި ސުވާލުތަކާ ގުޅިގެން މަހާޒް ވިދާޅުވީ، ހަތަރު ވަނަ ފަހަރަށް އިއުލާނު ކުރުމުން އެ މަގާމަށް ކުރިމަތިލީ ޝައުގުވެރިކަން ހުރެގެން ކަމަށެވެ.
ޓެކުހުގެ މައްސަލަތަކަކީ އުނދަގޫ މައްސަލަތަކެއް ނޫން ކަމަށާއި، ސުޕްރީމް ކޯޓުން މިހާތަނަށް ނިންމި ޓެކުހާ ގުޅޭ ގިނަ މައްސަލަތައް ނިންމީ އޭނާ ކަމަށްވެސް މަހާޒް ވިދާޅުވިއެވެ.
"އެހެންވީމާ ދެމަސް ދުވަހެއް ނޫން، އެއްމަސް ދުވަހު ވިޔަސް އަޅުގަނޑު ހިތަށް އެރީ ހަމަ ތަޖުރިބާކޮށްލަން ރަނގަޅު ފުރުސަތެކޭ މި ނިޒާމު ހިނގާ ގޮތް ބަލައިލަން،" އޭނާ ވިދާޅުވިއެވެ.
މަހާޒް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ވަޒީފާ އަދާކުރެއްވި އިރުވެސް، ސަރުކާރުގެ ގެޒެޓްގައި ހުންނަ އިއުލާނުތަކާ އެއްޗިހި ދާއިމީ ގޮތެއްގައި ބެލުމަކީ އަބަދުވެސް ކުރާކަމެއް ކަމަަށެވެ.
މަހާޒް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި ފަހުން އޭނާ ކުރައްވަމުން ގެންދަވަނީ ގާނޫނީ ދާއިރާގެ އަމިއްލަ މަސައްކަތެއް ކަމަށެވެ.
އިބްރާހިމް ޒަކީ
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު