އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އެ ކުންފުނީގެ ލޯނު ޕޯޓްފޯލިއޯ ޝަރީއާ ހުއްދަކުރާ ޕޯޓްފޯލިއޯއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެސްޑީއެފްސީން މިއަދު ބުނި ގޮތުގައި އެ ކުންފުނިން ބޭނުން ކުރަމުންދާނީ އިސްލާމިކް ބޭންކިންގައި ބޭނުންކުރާ ޑިމިނިޝިން މުޝާރަކާ ކޮންޓްރެކްޓު ކަމަށެވެ. އަދި އިންތިޒާމުތައް ހަމަޖެހެމުންދާ ވަރަކުން ކުރިއަށް އޮތް ތަނުގައި، ވަކާލާ ބިލް އިސްތިސްމާރު އަދި ތަވައްރުގު ފަދަ އިސްލާމިކް ބޭންކިންގެ ކޮންޓްރެކްޓްތަކުގެ އެހީގައި މި ބަދަލުތައް ގެނައުން އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ.

އެސްޑީއެފްސީން ބުނީ، ބޭންކް އޮފް މޯލްޑިވްސްގެ ޝަރީއާ ކޮމްޕްލަޔަންޓް ޑިޖިޓަލް ސަބްސިޑިއަރީއެއްގެ ގޮތުގައި އެ ކުންފުނިން އާ ބާބެއް ފަށާއިރު، މި ބަދަލަކީ ރާއްޖޭގެ އެސްއެމްއީ ސެކްޓަރަށް އީޖާދީ ހައްލުތައް ހޯދައިދިނުމާއި މާލީ ބައިވެރިވުން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި ބަދަލުގެ މުހިންމު ބައެއްގެ ގޮތުގައި، އެސްޑީއެފްސީ އިން ދޫކޮށްފައިވާ ކޮންވެންޝަނަލް ފެސިލިޓީތައް، ޝަރީއާ ހުއްދަކުރާ ފެސިލިޓީތަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ފެށޭނެ ކަމަށް ބުންޏެވެ. މީގެ ތެރޭގައި ހާއްސަ އިސްކަމެއް ދީގެން، ކުރިން ލޯނު ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާ ހުރެ، ދޫކޮށްފައިވާ ލޯނުތަކަށް ފައިސާ ދެއްކުން ދަތިވެފައިވާ ފަރާތްތަކަށް ހައްލު ހޯދައިދިނުން ހިމެނޭ ކަމަށް ބުންޏެވެ. އެގޮތުން އިސްލާމިކް ރިފައިނޭންސިން އުސޫލުތަކުގެ ތެރެއިން ފައިސާ ހަލާސްކުރަން އޮންނަ މުއްދަތު އިތުރުކޮށްދިނުން ފަދަ ލުއިތައް ހޯދައިދިނުން ހިމެނެއެވެ.

އެސްޑީއެފްސީން ބުނީ، މި ބަދަލާއެކު، ޝަރީއާ ހުއްދަކުރާ އުސޫލުތަކުގެ ތެރެއިން، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފެސިލިޓީތައް ރެގިއުލަރައިޒް ކުރުމުގެ މަގުފަހިވެގެންދާނެ ކަމަށެވެ.

އެސްޑީއެފްސީން ބުނީ، ކުރިއަށް އޮތް މަސްތަކުގައި މި ބަދަލުތައް އެކި މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދެވޭ އިރު، ފުރަތަމަ މަރުހަލާ މިއަދު ފެށޭނެ ކަމަށާއި އަމާޒަކީ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް މި ބަދަލުތައް ގެނެސް ނިންމާލުން ކަމަށެވެ

މި ބަދަލުތަކާ ގުޅޭގޮތުން އެސްޑީއެފްސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ބަދުރުއްދީން ހަސަން ވިދާޅުވީ، އެސްޑީއެފްސީގެ ތާރީހުގައި ގެންނަ އެންމެ ފާހަގަކޮށްލެވޭ ބަދަލާއެކު އެ ކުންފުނި ހިންގަމުންދާނީ ބޭންކް އޮފް މޯލްޑިވްސްގެ ޝަރީއާ ކޮމްޕްލަޔަންޓް ޑިޖިޓަލް ސަބްސިޑަރީއެއްގެ ގޮތުގައި ކަމަށެވެ.

"މި ފިޔަވަޅާއެކު، ލޯލަނަށް ފައިސާ ދެއްކުމުގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ދިމާވެފައިވާ ދަދިތަކަށް ލުއި ލިބި، ޝަރީއާ އުސޫލުން އެކަންކަން ހަމަ މަގަށް އެޅުވުމަށް ފުރުސަތު ފަހިވެގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ އައު އީޖާދުތަކާއެކު، ޓެކްނޮލޮޖީގެ ތެރެއިން، ކުދި ވިޔަފާރިތަކަށް ހުރި ފުރުސަތުތައް ފަސޭހައިން ވާސިލުވެވެނިވި ވަށައިޖެހޭ ހައްލުތަކެއް ހޯދައިދިނުން." ބަދުރުއްދީން ވިދާޅުވިއެވެ.

މި ބަދަލާއެކު، އެސްޑީއެފްސީ ވެގެންދާނީ، ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފޯރުކޮށްދޭ ބޭންކިން ހިދުމަތްތަކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި އިސް ދައުރެއް އަދާކުރާ ކުންފުންޏަކަށެވެ.

މީގެ އިތުރުން ދެމެހެއްޓެނިވި އިގްތިސޯދީ ތަރައްގީގައި ބީއެމްއެލުން އަދާކުރާ ދައުރު އިތުރަށް ހަރުދަނާވެގެންދާއިރު، އެ މަސައްކަތުގެ ތެރެއިން އިސްކަންދޭނީ އަލަށް ފަށާ ވިޔަފާރިތަކާއި އަންހެނުން ހިންގާ ވިޔަފާރިތަކާއި މަސްވެރިންނާއި ދަނޑުވެރިންނާއި، ދަނޑުވެރިކަމުގެ ވިޔަފާރިތަކާއި ޑިޖިޓަލް އަދި ވިޔަފާރީގެ މަސައްކަތްތައް ބާރުވެރި ކުރުމަށެވެ.