އަތޮޅު ޕިކްނިކް އައިލެންޑުތަކަށް ހާއްސަކުރާ ރަށްތައް މިއަހަރުގެ ތެރޭ ކަނޑައަޅައި، ކުންފުންޏަކާ މަސައްކަތް ހަވާލުކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އދ. މާމިގިލީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އާންމު ރައްޔިތުން އަދި ފަތުރުވެރިން ވެސް ދަތުރު ދާނެ ތަނެއް ނެތް ވާހަކަ ރައްޔިތުން ހިއްސާކުރާ ކަމަށާއި މިހާރު އެކަމަށްޓަކައި ޓޫރިޒަމް މިނިސްޓްރީން ޕޭޕަރެއް ތައްޔާރުކުރަމުންދާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން އެކަމަށް ތައްޔާރުކުރާ ޕޭޕަރު ކެބިނެޓަށް ކުރިއަށްއޮތް ދެ ހަފުތާއެއްހާ ތެރޭގައި ހުށަހަޅާނެ ކަމަށާއި އުސޫލުތަކުގެ ތެރެއިން ކަމާބެހޭ ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށް ޕިކްނިކް އައިލެންޑުގެ ގޮތުގައި ސަރުކާރުން ތަރައްގީކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިއަހަރުގެ ތެރޭގައި މި ރަށްތައް ކަނޑައެޅޭނެ، މިކަން ކުރަން ކުންފުންޏަކާ ހަވާލުކުރެވޭނެ. ދެމެހެއްޓެނިވި މޮޑެލްއެއްގެ ތެރެއިން އެ އިންވެސްޓްމަންޓް ކުރާނީ. ކޮށްގެން އެކަން ކުރެވޭނެ ނިޒާމެއްގެ ތެރެއިން ކުރިއަށްގެންދާނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ޕިކްނިކް އައިލެންޑުތައް ވަކި ދުވަސްތަކެއްގައި ފަތުރުވެރިންނަށް އަދި ވަކި ދުވަސްތަކެއްގައި އާންމު ރައްޔިތުންނަށް، އާއިލާތަކަށް ބޭނުންކުރެވޭނެ ގޮތް ހެދިގެންދާނެ ކަމަށާއި ޓޫރިޒަމް މިނިސްޓްރީން ކެބިނެޓަށް ޕޭޕަރު ހުށަހަޅާނީ ކޮންމެ އަތޮޅަކަށް ހާއްސަކުރާ ރަށްތަކުގެ ނަންތަކާ އެކީގައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު