ރައްޔިތުންނަށް ސަރުކާރުން ތައާރަފްކުރި، ހިލޭ ނަމްބަރު އައިނު ހަދައިނުމުގެ ހިދުމަތުގެ ދަށުން ކޮންމެ އަހަރަކު އައިނު ހަދައިނުމަށް، ރިކަރަންޓް ހަރަދުގެ ގޮތުގައި 3.4 މިލިޔަން ރުފިޔާ ހަރަދުވާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ޏާޒިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް ލިއުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު ސުވާލު ކުރެއްވީ ސަރުކާރުން އައިނު ފިހާރަ ހިންގަން ފަށަން ކިހާ ފައިސާއެއް ހަރަދުވިތޯ، އާއި މި ވިޔަފާރި ހިންގަން ކޮންމެ އަހަރަކު ކިހާ ހަރަދު އޮޅުން ފިލުއްވުމަށެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އައިޖީއެމްއެޗްގައި އައިނުގެ ހިދުމަތްދޭ ތަން ހެދުމަށާއި، އެތަނަށް ބޭނުންވާ ތަކެތި ގަތުމަށް ޖުމްލަ ދެ މިލިޔަން ރުފިޔާ ހަރަދުވިކަމަށެވެ. އޭގެ އިތުރުން އަހަރެއްގެ މައްޗަށް ރިކަރަންޓް ހަރަދުގެ ގޮތުގައި 3.4 މިލިޔަން ހަރަދުވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އިތުރު އަގަކާނުލައި ރައްޔިންނަށް އައިނު ލިބޭނެ އިމްތިޔާޒު ހަމަޖައްސައިދިނުން ކަމަށެވެ.