ސުމޫދު ފުލޮޓީލާއިން ހައްޔަރުކުރި މެލޭޝިޔާ 23 މީހުން ދޫކޮށްލައިފިއެވެ.

އިޒްރޭލުން ގާޒާގައި ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އެސިޓީގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ދަތުރު ފެށި ސުމޫދު ފްލޮޓީލާގެ 44 ބޯޓު އިޒްރޭލުން ވަނީ ހުއްޓުވައި އެންމެން ހައްޔަރުކޮށްފައެވެ.

ހައްޔަރުކުރި މީހުންގެ ތެރެގައި ހިމެނޭ މެލޭޝިޔާއަށް ނިސްބަތްވާ މީހުން އިޒްރޭލުން ދޫކޮށްލާފައިވާ ކަމަށާއި އެމީހުން މިއަދުގެ ވަގުތެއްގައި މެލޭޝިޔާއަށް ގެންދެވޭނެ ކަމަށް އެގައުމުގެ ފޮރިން އެފެއާޒް އިން ވަނީ ބުނެފައެވެ.

މެލޭޝިޔާގެ ފޮރިން އެފެއާޒް އިން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން ހައްޔަރުކުރި އެގައުމަށް ނިސްވަތްވާ 23 މީހުން ދޫކޮށްލާފައިވާ ކަމަށާއި އެމީހުން މިހާރު ތުރުކީއަށް ދަތުރުކޮށްފައިވާ ކަމަށެވެ. ތުރުކީގައި އެމީހުންގެ ހާއްސަ މެޑިކަލް ޗެކެއް ކުރިޔަށްގެންދާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

ބަޔާނުގައި ވާގޮތުން 23 މީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި އެމީހުން ބަންދުން ދޫކުރުމަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ކުރެއްވި މަސައްކަތް ފާހަގަކޮށްފައިވެއެވެ.

44 އުޅަނދެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 500 އަށްވުރެން ގިނަ ބައިވެރިންނާއެކު ދަތުރުފެށި އެހީގެ ޓީމުތައް ހުއްޓުވާފައިވަނީ ގާޒާއާ ދުރުނޫން ހިސާބަކުންނެވެ.