މުދައްރިސުންނަކީ ގައުމު ބިނާކުރުމުގެ މޭސްތިރިން ކަމަށާއި އަންނަން އޮތް ޖީލުތަކަށް ހުނަރާއި ރިވެތި ހުލްގާއި އެންމެހާ ހެޔޮ ސިފަތައް ވާރުތަކޮށްދިނުމަށް އެންމެ ބުރަކޮށް މަސައްކަތްކުރާ ބަޔަކީ މުދައްރިސުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުންދާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި، ފޮނުއްވެވި ވީޑިއޯ މެސެޖްގައެވެ.

މިނިސްޓަރު ވިދާޅުވީ، މުދައްރިސުންނަކީ ގުޅިގެން މަސައްކަތްކޮށް މުދައްރިސްކަމުގެ ފަންނު އިތުރަށް ކުރިއަރުވައި އުގަންނައިދިނުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރާ ބަޔަކަށް ވާންޖެހޭ ކަމަށެވެ.

އެއްވެސްކަމުން ގައުމެއްގައި މުދައްރިސުންނަށްވުރެ އަބުރުވެރި ޝަރަފުވެރި އިއްޒަތްތެރި ބަޔަކު ނުތިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މިއަހަރުގެ މުދައްރިސުން ދުވަހުގެ ޝިއާރަކީ "ރީކާސްޓިން ޓީޗިން އޭޒް އަ ކޮލަބޮރޭޓިވް ޕްރޮފެޝަން" އެވެ.

މި ޝިއާރަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ މުދައްރިސުންގެ ގުޅުންތައް ވަރުގަދަކޮށް ހުރިހާ މަސްލަހަތުވެރިންނާއެކު، ޕްރިންސިޕަލުންގެ އެއްބާރުލުމާ އެކު މުދައްރިސުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ބޭނުންވާ ފަންނީ ގާބިލުކަން އިތުރުކޮށްދިނުމާއި ކުރިއެރުމަށް މަސައްކަތް ކުރުމަށް ތައްޔާރަށް ތިއްބެވި ކަމަށެވެ.

މުދައްރިސުންގެ ދުވަސް ފާހަގަ ކުރުމަށް ސްކޫލްތަކުގައި މިއަދު އަންނަނީ އެކި ހަރަކާތްތައް ބާއްވަމުންނެވެ.

ރާއްޖޭގެ ސްކޫލްތަކުގައި 11000 އަށްވުރެ ގިނަ މުދައްރިސުން ތައުލީމް ފޯރުކޮށްދިނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.