ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި 25،000ރ. ދޭން ނިންމައި ފައިސާ ޖަމާކޮށްދޭން ފަށައިފިއެވެ.

ފާއިތުވި އަހަރުތަކުގައިވެސް އެ ކުންފުނިން މުވައްޒަފުންނަށް އަހަރީ ބޯނަސްގެ ގޮތުގައި 25،000ރ ދީފައިވެއެވެ.

އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، މި އަހަރު ބޯނަސް ދޭން ނިންމީ، މުވައްޒަފުން ކުރި ބުރަ މަސައްކަތް ފާހަގަކުރުމުގެ ގޮތުން ކަމަށާއި އެގޮތުން ސުންގަޑިއަށް އާ ޓާމިނަލް ހުޅުވަން މިދިޔަ އަހަރަކީ އެ ކުންފުނީގެ މުވައްޒަފުން އެންމެ ބުރަކޮށް މަސައްކަތް ކުރި އެއް އަހަރު ކަމަށެވެ.

އެމްއޭސީއެލްގެ މުވައްޒަފުންނަށް ބޯނަސް ދިނުމުގައި މިދިޔަ އެއް އަހަރުގެ މަސައްކަތްތަކަށް ބަލާނެއެވެ.

އެމްއޭސީއެލްގައި 5،000 އެއްހާ މުވައްޒަފުން މަސައްކަތް ކުރެއެވެ. ރީޖަނަލް އެއާޕޯޓްސްގެ މަސައްކަތްތައް އެމްއޭސީއެލްގެ ދަށަށް ބަދަލުވުމުން އެ ކުންފުނީގެ ސްކޯޕް ބޮޑުވެ ވަނީ އިތުރު އެއާޕޯޓުތަކެއް ހިންގަން ޖެހިފައެވެ.