ރ. ފުއްގިރި މައްސަލައިގައި ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ދައުލަތުން ކުރި، މަނީ ލޯންޑްރިންގެ ދައުވާ ސާބިތުނުވާ ކަމަށް، ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކުރީ ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ހިމެނޭ ފައިސާތަކެއް ލޯންޑާކޮށްދިން ކަމުގެ ތުހުމަތުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ މަސްލަހަތު އޮންނަ ދެ ކުންފުނީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ.

ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމުގެ މައްޗަށް ކުރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލަ ވެސް މިހާރު އޮތީ ނިމުމަކާ ހަމައިގައެވެ. އެ މައްސަލައަށް މަޑުޖެހިފައިވަނީ އާ ހެކިތަކެއް ހުށަހަަޅަން ދައުލަތުން އެދިފައިވާތީ އެ މައްސަލަ ޔާމީންގެ ފަރާތުން ސުޕްރީމްކޯޓަށް ހުށަހެޅުމާ ގުޅިގެންނެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި އަޑުއެހުމާއެކު ސުޕްރީމް ކޯޓުންވެސް ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފައެވެ.

ދެން އޮންނާނީ ހުކުމްކުރުމެވެ.