ސަރުކާރުގެ ސިޔާސަތުތަކާ ގުޅިގެން އުފެދުފައިވާ ރައްޔިތުންގެ ކަންބޮޑުވުމާއި އިސްލާމްދީނާއި ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި، ސަރުކާރު ޖަވާބުދާރީކޮށް، ހަމަމަގަށް އަޅުވައި ޒިންމާދާރު ކުރުވުމަށް، އެހެން ސިޔާސީ ޕާޓީތަކާ އެކު މަސައްކަތް ފެށުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމައިފިއެވެ.
އަދާލަތު ޕާޓީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ގާނޫނުއަސާސީއާ ހިލާފު ގާނޫނުތަކުން މަޖިލިސް މެންބަރުން ކަސްތޮޅުއަޅުވައި، ގާނޫނު ހެދުމުގެ ބާރުގެ މިނިވަންކަމާއި އިމްތިޔާޒުތަކަށް އަރައިގަތް މައްސަލަ ބަލަން ފެށުމުން، ގާނޫނީ އިޖުރާއަތްތަކާ ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކޮށް، އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުގެ މިނިވަންކަން ނަގާލައި، ރާއްޖޭގެ މުޅި ދުސްތޫރީ ނިޒާމު ގަޑުބަޑުކޮށް މުއައްސަސާތަކުގެ މިނިވަންކަން މި ސަރުކާރުން ނަގާލާފައިވާ ކަމަށެވެ.
ސަރުކާރުގެ ނާގާބިލުކަމާއި ދޯހަޅިސިޔާސަތުގެ ސަބަބުން، ސުނާމީ އާއި ކޮވިޑް 19 ގެ އާލަމީ ވަބާއާ ވިދިގެން ވެސް ނުދާހާ މިންވަރަށް އިގުތިސޯދު ދަށަށްގޮސް، ބާޒާރުގައި އަސާސީ މުދަލުގެ އަގުތައް އިންތިހާއަށް އުފުލިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ސަރުކާރުގެ ކުންފުނިތަކުން ފޯރުކޮށްދޭ އަސާސީ ހިދުމަތަކުގެ އަގުތައް އަތްނުފޯރާފަށަށް މައްޗަށްގޮސް، އާދައިގެ އާއްމު ރައްޔިތުން އަތުން ދައުލަތަށް ހޯދާފައިވާ މުދަލާއި ހިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކައި، ގަސްތުގައި ސިޔާސީ ބޭނުމަށް ދިވެހި އިގުތިސޯދުގެ ލޭނާރު ކަމުގައިވާ ކުދިއަދި މެދު ފަންތީގެ ވިޔަފާރިތައް ބަންގުރޫޓުކޮށް، އާއިލާތަކުގެ އާއްމު ދިރިއުޅުން ހުއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
"ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގެ އިގުތިސޯދީ ހާލަތު މިއިން ޒަމާނެއްގައި ނުދެކޭ މިންވަރަށް ފާގަތިވާނޭކަމުގެ ދޮގު ވައުދުވެ، އޮޅުވާލައިގެން ވެރިކަން ހޯދާފައިވީ ނަމަވެސް، ދައުލަތުގެ ފިސްކަލް ސިޔާސަތު ވިއްސި ވިހާލިވެ، ހާރިޖީ ގުޅުންތައް މެނޭޖު ނުކުރެވި، އަސާސީ އިގުތިސޯދީ ހަމަތައް ހިފަހައްޓަން ނޭނގުމުގެ ސަބަބުން ބޭރުގެ ދަރަނި ނުދެއްކި، ދިވެހި ދައުލަތް އިފްލާސްވުމާގާތަށް ގޮސް، ނަތީޖާއެއްގެ ގޮތުން ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިދާނެކަމުގެ ބިރު ހީވެފައިވޭ،"
މިކަންކަމުގެ ސަބަބުން އާއްމު ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތި ހާލާމެދު އެއްވެސް މިންވަރެއްގެ ހަމްދަރުދީއެއް ނުބަހައްޓައި، ސަރުކާރުގެ ވެރިންގެ ވައްކަމާއި ހިޔާނާތާއި އަދި އިހުމާލުގެ ސަަބަބުން ދިވެހީންގެ މާލިއްޔަތު އެކީ ހުސްވަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރަމުންދާގޮތުން ރައްޔިތުންގެ އެންމެ އަސާސީ ހައްގުތަކާއި މިނިވަންކަން ގެއްލިދާނެކަމުގެ ބިރު އޮތް ކަމަށްވެސް ބުނެފައިވެއެވެ.
އިބްރާހިމް ޒަކީ
ބ. ދަރަވަންދޫ
ކުށް
ރިޕޯޓް
ކާބޯތަކެތި
ކޮންކަމަކަށްތޯ ސަރުކާރު ޒިންމާ ކުރުވަންޖެހެނީ.
އަލިފުޅުބެ - 9 މަސް ކުރިން