ތާލިބާނުން އަފްގާނިސްތާނުގެ އިންޓަނެޓު ހިދުމަށް މެދުކަނޑާލައިފިއެވެ.

އަފްގާނިސްތާނުގެ ތާލިބާނު ސަރުކާރުން އެގައުމުގައި އިންޓަނެޓް ހިދުމަތް މެދުކަނޑާލާފައިވާ އިރު އެގައުމުގެ މޯބައިލް ފޯނު ސިގުނަލް ވެސް ދަށްކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ތާލިބާނުން ނިންމި އެނިންމުމާއެކު އދ. އިން ވަނީ ހިދުމަތް އަލުން ދިނުމަށް ގޮވާލައިފައެވެ. އެ އިދާރާއިން ވަނީ މައުލޫމާތު ހޯދުމާއި ބަސްބުނުމުގެ މިނިވަންކަން ހަނިވެގެން ގޮސްފައިވާ ކަމަށް ބުނެފައެވެ.

ރިޕޯޓުތަކުން ވަނީ އަފްގާނިސްތާނުގެ އާންމުންނަށް ދުރު ސަރަހައްދުގައި ތިބި އާއިލާ މީހުންނާ ގުޅުން ކެނޑިފައިވާ ކަމަށާއި އޮންލައިން ވިޔަފާރިތަކާއި ބޭންކުތަކުގެ ހިދުމަތްތަކުގެ އިތުރުން ތައުލީމީ ދާއިރާ ވެސް ހުއްޓިފައިވާ ކަމަށް ފާހަގަކޮށްފައެވެ.

އިންޓަނެޓް ހިދުމަތް މެދުކަނޑާލުމާ އެކު އިއްޔެ އެގައުމުގެ މައި އެއާޕޯޓު، ކާބުލް އެއާޕޯޓުގެ ހިދުމަތް ހުއްޓި ހުރިހާ ފްލައިޓެއް ކެންސަލް ކޮށްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.