ދުނިޔޭގެ ބާރުގަދަ ބައެއް ގައުމުތަކަށް ބައިނަލްއަގްވާމީ ގާނޫނު ނުހިނގާ ކަމަށާއި އެކަމުގެ ސަބަބުން ބައިނަލްއަގްވާމީ ނިޒާމަށް ދުނިޔޭގެ އިތުބާރު ގެއްލެމުންދާކަމުގެ އިންޒާރު ރާއްޖޭން ދީފި އެވެ.
އެމެރިކާގައި މިހާރު ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލްވަނީ ގައުމުތަކުގެ މެދުގައި ހަމަހަމަ ކަމާއެކު ބައިނަލްއަގްވާމީ ގާނޫނު ނުހިނގާކަމަށް ވިދާޅުވެ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އޭގެ މިސާލެއްގެ ގޮތުން ލަދުވެތިކަމެއްނެތި އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލު އާންމު ފާހަގަކުރެއްވި އެވެ.
"އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލު އާންމުގައި މިހާތަނަށް 66،000 އާންމު ރައްޔިތުން މަރާލައިފި، އޭގެ ތެރޭން ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ އަންހެނުންނާިއ ކުޑަކުދިން." ހަލީލް ވިދާޅުވި އެވެ.
"ލަދެއްނެތި އެތައް ފަހަރަކު ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖަހައި އެ ގާނޫނާ އިޒްރޭލުން ހިލާފުވެއްޖެ،" ހަލީލް ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ މި ގަތުލުއާއްމު ހިންގަން ވާގިވެރިވެ، ހަތިޔާރާއި އެހީ ފޯރުކޮށްދެމުންދަނީ، އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް އެންމެ ވަރުގަދަ އަށް ވަކާލާތުކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކާއި ހަމަތައް ވުޖޫދު ކުރުމުގެ ފަހަތުގައި ތިބި ގައުމުތައްކަމީ އެގައުމުތަކުގެ ހިޕޮކްރަސީ ހުރި މިންވަރު ފެނިގެންދާ ކަމެއް ކަމަށެވެ.
"އެމީހުންގެ އަމަލުތަކުން ފަލަސްތީނުގެ ރައްޔިތުންނަކީވެސް އެހެން މީހުންނެކޭ އެއްގޮތަށް ހަމަހަމަ ހައްގުތަކެއް ލިބިގެންވާ ބައެއްކަން އެމީހުން ގަބޫލުނުކުރާކަން ސާފުވޭ،"
މި ތަފާތުކުރުމަކީ މި ގަރުނުގެވެސް އެންމެ ބޮޑު ލަދު" ތަކުރާރުކޮށް ހަލީލް ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ އިޒްރޭލުގެ ހަމަލާތައް ހުއްޓުވަން ނުކުޅެދުމުގެ ސަބަބުން އިޒްރޭލުގެ އަނިޔާވެރި އަމަލުތައް ގަތަރާއި ސީރިޔާ، ޖޯޑަން، ޔަމަނު އަދި އީރާނާ ހަމައަށް ވެސް ފޯރާފައިވާ ކަމަށެވެ.
ހަލީލް ވިދާޅުވީ ގާނޫނަށް ވުރެ ބާރާއި ނުފޫޒުގެ އަޑުގަދަވާ ނަމަ އެއްވެސް ގައުމެއްގެ ބޯޑަރަށް ސަލާމަތެއް ނެތް ކަން މިއިން ކޮންމެ ހަމަލާއަކުން ސާފުވާ ކަމަށެވެ.
ހަލީލް ވަނީ އދ. ގެ އޮނިގަނޑު އިސްލާހުކޮށް، ހަމަހަމަކަމާއި އިންސާފު ގާއިމުކުރުން އަވަސްކުރަން ގޮވާލައްވައިފަ އެވެ.
އާއިޝަތު މާހާ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިނގިރޭސިވިލާތް
ރިޕޯޓް