ތ. ކިނބިދޫ ހިއްކި ބިމުގައި ހައުސިން މަޝްރޫއެއް ކުރިއަށްގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ތ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަުރުފުޅުގައި ކިނބިދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ކިނބިދޫ ހިއްކި ބިން ތަރައްގީކުރުމަށް އެކި ޕްލޭންތައް ރާއްވަވާއިރު ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ސަރަހައްދު ކަނޑައަޅުއްވާނެ ކަމަށެވެ. އަދި ހިއްކާފައިވާ ބިން ހިމާޔަތްކުރުމުގެ މަސައްކަތްތައް އެއާއެކު ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކިނބިދޫގައި ހިއްކާފައިވާ 25 ހެކްޓަރުގެ ބިން ތަރައްގީ ކުރުމަށް ކަނޑައަޅާ ކަންކަން ސަރުކާރުން އިއުލާން ކުރައްވަމުންދާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ކިނބިދޫގައި ފެށި ޒުވާނުންގެ މަރުކަޒު ތަރައްގީކުރުމާއި ފުލުހުންގެ މަރުކަޒާއި މަގުހެދުމުގެ މަސައްކަތަކީ ރަށަށް ބޮޑެތި ތަރައްގީތައް އަންނާނެ މަޝްރޫއުތައް ކަމަށެވެ.