ތ. ހިރިލަންދޫގައި އިމާރާތްކުރާ އާ މިސްކިތުގެ ބިންގާ އަޅައިފިއެވެ.

ހިރިލަންދޫގައި އިމާރާތް ކުރާ އާ މިސްކިތުގެ ބިންގާ އަޅައިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ރިހިލަންދުއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.

އެ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

އެ ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގަތެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހިރިލަންދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ މިސްކިތުގައި ސޯލާ ހަރުކޮށް، އޭސީ ކުރުމަށް ހަމަޖެހިފައިވާ އިރު، މިސްކިތުގައި ލައިބްރަރީއަކާއި ކުލާސް ރޫމެއް ހިމެނޭނެހެން ތަރައްގީކުރުމަށް ނިންމާފައިވެއެވެ.

މިއީ ރައީސްގެ ރިޔާސީ ވައުދުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.