ފަށާތާ ހަތަރުމަސް ތެރޭގައި ތ. އަތޮޅު ކަނޑޫދޫ ހެލްތު ސެންޓަރުގެ މަސައްކަތް ނިންމައި ހަވާލު ކުރައްވާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ތ. އަތޮޅު ކަނޑޫދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ހެލްތު ސެންޓަރުގެ މަސައްކަތް ހަވާލު ކޮށްފައިވާ ކޮންޓްރެކްޓަރު ލައްވައި އެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާ ކަަމަށެެވެ.

އެންމެފަހުން ގާނޫނީ އުސޫލުގެ ތެެރެއިން އެފަރާތް ޓާމިނޭޓްކޮށް، ހެލްތު ސެންޓަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ސަރުކާރުގެ ކުންފުންޏެއް މިތަނުގައި މޮބިލައިޒްވެެގެން ފަސޭހަކަމާއެކީ މަސައްކަތް ކުރެވޭނެތީ މިހާރު މިއޮތީ އެމްޓީސީސީއާ އެމަސައްކަތް ހަވާލުކުރަން ނިންމައިފަ، ދާދި އަވަހަށް އެކަމުގެ ފިޒިކަލް ވޯކު ސްޓާޓްކުރާނެ، މިހާރުއިން ސްކޯޕުގައި ކުރިއަށްވުރެ ފުރިހަމައަށް އެ މަސައްކަތް ކުރިއަށްދާނީ،"