ތ. ބުރުނީ ބަނދަރުގެ އަމަލީ މަސައްކަތް، މާ ލަސްތަކެއްނުވެ ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތ. ބުރުންޏަށް ވަޑައިގެން އެ ރަށުގެ އިސްވެރިންނާއި، ރައްޔިތުންނާއެކު ކުރިއަށް ގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ރަށުގެ ކައުންސިލާއި، އެކި މުއައްސަސާތަކުގެ މެންބަރުންނާއި މަންދޫބުންގެ އިތުރުން ރައްޔިތުންގެ ފަރާތުން ސަރުކާރަށް ހިޔާލު ހުށަހަޅުއްވައި، ރަށަށް އެންމެ ބޭނުންވެފައިވާ ކަންކަމުގެ މައުލޫމާތާއި ޝުއޫރުތައް ހިއްސާކުރައްވާފައިވެއެވެ.
މި މަޝްވަރާ ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވިދާޅުވީ 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުންވައިގެން އެ ރަށުގައި 30 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައެވެ. މީގެއިތުރުން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ކުރިއަށްގެންދާ މަޝްރޫއު، މިހާރު ކުރިއަށްގެންދަން ނިންމާފައިވަނީ، ރަށުގެ ޒުވާނުންގެ އެދުމުގެ މަތިން، ފަރުމަސްވެރިކަން ކުރުމަށް ފާލަމެއް ހިމަނައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަށުގެ އުމްރާނީ ތަރައްގީއާއި، ތައުލީމާއި ސިއްހީ އަދި ގެދޮރުވެރިކަމުގެ ދާއިރާއިން ބުރުނީގައި ކުރިއަށްގެންދަން ހުރި މަޝްރޫއުތަކުގެ މަސައްކަތް ރޭވިފައިވާ ގޮތަށް، އަދި ރައްޔިތުންގެ ހިޔާލާ އެއްގޮތަށް ކުރިއަށްގެންގޮސްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު