ކައުންސިލްތަކުގެ މުވައްޒަފުންނައި ޖުޑިޝަރީ މުވައްޒިފުންގެ އިތުރުން، މިހާތަަނަށް މުސާރަ ބޮޑުނުވާ ސިވިލް ސާވިސް އޮފީސްތަކުގެ މުވައްޒަފުންގެ މުސާރަތައް މިއަހަރު ބޮޑުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ހަތަރު އަތޮޅެއްގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު މެންދުރުފަހު ތ. ބުރުންޏަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

"މިއަހަރަށް ބަޖެޓް ހެދި އިރުގައާއި ރިޔާސީ ބަޔާނުގައިވެސް އަޅުގަނޑު ވާނެ އިއުލާންކޮށްފައި މިއަހަރު ތެރޭގައި މުސާރަ ބޮޑުވުން ނުވަތަ ޕޭ ހާމަނައިޒްވާނެއޭ ބައެއް ފަރާތްތަކުގެ. އޭގެ ތެރޭގައި ކައުންސިލް މުވައްޒަފުންނާއި، ސިވިލްސާވިސްގެ މިހާތަނަށް ޕޭ ހާމައިޒް ނުވާ ހުރިހާ އޮފީސްތަކަކާއި ޖުޑިޝަރީއާ، މި ތިން ފަރާތް މައިގަނޑުގޮތެއްގައި ޕޭ ހާމަނައިޒްވާ އޮފީސްތަކަކީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަމާ ބެހޭ މަސައްކަތްތައް ފިނޭންސް މިނިސްޓްރީ އާއި ޕޭ ކޮމިޝަނުން ކުރިއަށްގެންދާ ކަމަށެވެ. އަދި ދާދި އަވަހަށް އެކަމުގެ ސީދާ ތަފްސީލުތައް އިއުލާންކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ފަހު ކުއާޓަރަށް މިދަނީ، އޮކްޓޫބަރާއި ޑިސެމްބަރާ މި ދޭތެރޭގައި މިކަން ކުރާގޮތަށް އަޅުގަނޑުމެން މިހާރު ހުރިހާކަމެއް ފިނޭންސް މިނިސްޓްރީން، ޕޭ ކޮމިޝަނުން އެ ގެންދަނީ ކުރިއަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.