މ. ކޮޅުފުށީގައި ތަރައްގީކުރާ ހައުސިން ޔުނިޓްތަކުގެ އަގު 5000 ރުފިޔާއިން 3333 ރުފިޔާއަށް ކުޑަކޮށްދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ފާފު އަތޮޅާއި ވާވު އަތޮޅާއި މީމު އަތޮޅުގެ އިތުރުން ތާ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު މ. އަތޮޅު ކޮޅު ފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް ކޮޅުފުށީ ހައުސިން ޔުނިޓްތަކުގެ އަގު 5000 އިން 3333 ރުފިޔާއަށް މިހާރު ކުޑަކޮށްފައިވާ ކަމަށެވެ.

"ހަވާލު ކުރަމުންމިދާ ހައުސިން ޔުނިޓްތަކުގެ އަގު ވެސް 5000 ރުފިޔާގަ ކުރީ ސަރުކާރުގަ، ނުވަތަ ކުރިން ހަމަޖެހިފަ އޮތްކަަމަށް އަޅުގަނޑަށް އެނގިފަ އޮތީ، އެކަމް އަޅުގަނޑު ވެފަ އޮންނާނެ ވައުދެއް، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިގޮތަށް ހުރި ހައުސިން ޔުނިޓްތައް ނޫނީ ގެދޮރުވެރިކަމުގެ މަޝްރޫއުގެ ތެރެއިން އަޅައިދީފަހުރި ތަންތަނުގެ އަގު ކުޑަކުރަން، ކެބިނެޓްގެ ނިންމުމެއް އޮންނާނެ، މިދިޔަ އަހަރުގެ ތެރޭގައި ތަންފީޒު ކުރަން ފަށައިފައި އޮތް، އެ ސިޔާސަތުގެ ދަށުން މިރަށުގަވެސް 5000 ރުފިޔާއަށް ކަނޑައަޅާފައި އޮތް އަގު މިހާރު އޮންނާނީ ކުޑަކޮށްފައި 3333 ރުފިޔާއަށް،"

އެއީ ރައްޔިތުންގެ އަތްފޯރާ ފަށަށް އަގުހެޔޮ ކުރުމަށްޓަކައި ކުރެއްވި ކަމެއް ކަމަށާއި މި ސަރުކާރުން އަޅާ ހައުސިން އުނިޓްތަކުގެ އަގު ބޮޑު ނުކުރައްވާނެ ކަމަށް ވެސް އެކަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮޅުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް މިއަހަރުގެ ނިޔަލަށް ހަވާލުކޮށް ނިންމައިލެއްވޭނެ ކަމަށެވެ.

ފެނަކައާ ހަވާލުކޮށްގެން މިހާރު ކުރިއަށްދަނީ ހައުސިން ޔުނިޓްތަކަށް ޔުޓިލިޓީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަަމަށްވެސް ވިދާޅުވިއެވެ. ހާއްސަ އިސްކަމެއް ދީގެން ކޮޅުފުށީ ހައުސިން ޔުނިޓްތަކަށް ވީހާވެސް އަވަހަށް މީހުންނަށް ވަދެވޭނެ ގޮތް ހަމަޖައްސަވާނެ ކަމަށްވެސް ވިދާޅުވިއެެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮޅުފުއްޓަށް ކުރެއްވި ދަތުރުފުޅުގައި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅުމުގެ ފުރުސަތު ވަނީ ދެއްވައިފައެވެ.