ފިލިޕީންސް ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާގައި 88 ކުޑަކުދިން ހައްޔަރުކޮށްފިއެވެ.

ފިލިޕީންސްގެ އާންމުން އެގައުމުގެ ސަރުކާރާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތައް ހޫނުވެ އެގައުމުގެ ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާމެދު ކުރިމަތިލުން ހިނގައި ބޮޑެތި ހަމަނުޖެހުން ހިނގާފައިވާއިރު މިހާތަނަށް 200 އަށްވުރެން ގިނަ މީހުން ހައްޔަރުކޮށްފައިވެއެވެ.

އޮފިޝަލުން ވަނީ ވެރިރަށް މެނީލާގެ މަގުތަކަށް އެއްވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށާއި ފުލުހުން ހައްޔަރުކުރި 200 މީހުންގެ ތެރޭގައި 88 ކުޑަކުދިން ހިމެނޭކަމަށް ބުނެފައެވެ.

މުޒާހަރާތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން ހައްޔަރުކޮށްފައިވާއިރު ފުލުހުން ވަނީ މުޒާހަރާ ހުއްޓުވުމަށް ބާރުގެ ބޭނުންކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މުޒާހަރާގެ ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެ ފަރުވާ ދޭން ޖެހުނުކަމަށްވެސް ފުލުހުން ބުނެއެވެ.

ފިލިޕީންސްގެ އާންމުން މުޒާހަރާކުރަން ފަށާފައިވަނި އެގައުމުގެ ސަރުކާރުގެ އިސް ފަރާތްތަކުން ބޮޑެތި ކޮރަޕްޝަނުގެ އަމަލުތައް ހިންގަމުން ގެންދާ ކަމަށް ބުނެއެވެ. އެގޮތުން އެގައުމުގެ އިދާރާތަކުން ކުރަމުން އަންނަ ތަހުގީގުތަކުން ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެ އެމައްސަލަތަކުގެ ސަބަބުން ސަރުކާރަށް ޕުރެޝަރު އަންނަމުން ދާކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލިޕީންސްގެ ރިޕޯޓުތައް ބުނާގޮތުން އެގައުމުގައި ހިނގާ ފެންބޮޑުވުމުގެ ހާދިސާތައް ފަދަ ގުދުރަތީ ކާރިސާތަކުން އަރައިގަތުމަށް ކަމަށް ބުނެ އުފައްދާފައިވާ ފޭކު ޕްރޮޖެކްޓްތަކުން ގިނަ އަދަދެއްގެ ފައިސާ ކޮރަޕްޝަންގެ ތެރެއިން ގޮސްފައިވާ ކަމަށެވެ.