މ. ނާލާފުށީގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއާއި އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މ އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި ނާލާފުއްޓަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވަނީ، އެ ރަށުގެ ގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއާއި އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ނާލާފުށީގެ ތަރައްގީއަށް ސަރުކާރުން ރާވާފައިވާ ކަންކަން ތަފްސީލްކޮށްދެއްވައި މަޝްރޫއުތަކުގެ އަޕްޑޭޓްތައް ދެއްވައިފައެވެ. އެގޮތުން އެ ރަށާއި މުއްޔާއި ގުޅާލާ ކޯޒްވޭގެ މަސައްކަތް އިހުނަށްވުރެ އަވަސްވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ނާލާފުއްޓަށް އިތުރުކުރަނީ 15 ހެކްޓަރުގެ ބިން ކަމަށެވެ. އެ ރަށުގެ މިހާރުގެ ސައިޒަކީ 12 ހެކްޓަރެވެ.

"މި އަހަރު ތެރޭގައި ވަރަށް ބާރު ސްޕީޑުގައި ޑިސެމްބަރު މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނަން، ދެ މަސައްކަތް، ބިން ހިއްކުމާއި ބަނދަރުގެ މަސައްކަތް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ނާލާފުށީގެ ސްކޫލުގެ އާ އިމާރާތް ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ހުޅުވޭނެ ކަމަށެވެ. އަދި ހެލްތު ސެންޓަރު އަޕްގްރޭޑްކުރުމުގެ މަސައްކަތާއި ފެނާއި ނަރުދަމާގެ މަޝްރޫއުވެސް އަވަސް މުއްދަތެއްގައި ނިމޭނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ނާލާފުށީގައި ފެންވަރު ރަނގަޅު ފުޓްސަލް ދަނޑެއް، ހޭންޑްބޯލްވެސް ކުޅެވޭ ގޮތަށް ހަދައިދެއްވާނެ ކަމަށެވެ.