ފިލިޕީންސްގައި ކޮރަޕްޝަނާ ދެކޮޅަށް މުޒާހަރާތައް ފަށައިފިއެވެ.

ފިލިޕީންސްގެ އާންމުން އެގައުމުގެ މަދުތަކަށް އެއްވެ މުޒާހަރާތައް ފަށާފައިވަނީ އެގައުމުގެ ސަރުކާރުން ހިންގަމުންގެންދާ ކޮރަޕްޝަަންގެ މައްސަލަތައް ތަހުގީގުކޮށް އެމައްސަލަތައް ފެންމަތިވާން ފެށުމުންނެވެ.

ފިލިޕީންސްގެ އިދާރާތަކުން ކުރަމުން އަންނަ ތަހުގީގުގައި ވަނީ އެގައުމުގައި 2022 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮޖެކްޓްތައް ބޭނުންކޮށްގެން 9.54 އެމެރިކާ ޑޮލަރުގެ ކޮރަޕްޝަން ހިންގާފައިވާ ކަމަށް ހާމަވެފައެވެ.

އޮފިޝަލުން ވަނީ އެގައުމުގެ މަޝްހޫރު ސިޔާސީ ފަރާތްތައް އެމައްސަލަތަކާ ގުޅުން ހުރުމުގެ ސަބަބުން ސުވާލުކޮށްފައިވާ ކަމަށް ބުނެފައެވެ.

ފިލިޕީންސްގެ ރިޕޯޓުތައް ބުނާގޮތުން އެގައުމުގައި ހިނގާ ފެންބޮޑުވުމުގެ ހާދިސާތައް ފަދަ ގުދުރަތީ ކާރިސާތަކުން އަރައިގަތުމަށް ކަމަށް ބުނެ އުފައްދާފައިވާ ފޭކު ޕްރޮޖެކްޓްތަކުން ގިނަ އަދަދެއްގެ ފައިސާ ކޮރަޕްޝަންގެ ތެރެއިން ގޮސްފައިވާ ކަމަށެވެ.

މުޒާހަރާކުރާ ފަރާތްތަކުން ވަނީ އެގައުމުގެ ހުރިހާ ދިމާލަކުން އާންމުން ނުކުމެ އެއްބައިވަންތަ ކަމާއެކު ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ގޮވާލާފައެވެ.

މުޒާހަރާކުރާ ފަރާތްތަކުން ވަނީ އެމީހުން ކުރާ މުޒާހަރާތަކަކީ ސަރުކާރާ ދެކޮޅު މުޒާހަރާތަކެއް ނޫން ކަމަށާއި އެއީ ސިސްޓަމާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާއެއް ކަމަށް ބުނެފައެވެ.