ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިމެނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފ. އަތޮޅުގެ ރަށްތަކަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މަގޫދުއަށް ވަޑައިގަންނަވައި އެ ރަށުގެ އިސްވެރިންނާ އަދި ރައްޔިތުންނާ ވަނީ މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންދަވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި މަގޫދޫ ރައްޔިތުން ވަނީ، އެ ރަށުގައި އަޅާ އެއާޕޯޓުގެ މަސައްކަތް ނުހުއްޓި ކުރިއަށްގެންދިއުމަށް އެދި އެއާޕޯޓް ހުޅުވާނެ ތާރީހެއް ދެއްވުމަށް އެދިފައެވެ.

ރައްޔިތުންގެ އެ ހުށަހެޅުމަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، މުޅި އެއާޕޯޓްގެ މަޝްރޫއު އެގްރިމަންޓާ އެއްގޮތަށް ގިނަވަގެން އެއް އަހަރުގެ ތެރޭގައި ނިންމާނެ ކަމަށެވެ.

މަގޫދޫގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ އެހެން މަޝްރޫއުތަކުގެ ތެރޭގައި ސްކޫލްގެ މަލްޓިޕާޕަސްހޯލާއި ސިއްހީ މަރުކަޒުގެ މަސައްކަތުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެކަމުގެ ޔަގީންކަންވެސް ރައީސް މިއަދު ރައްޔިތުންނަށް ދެއްވިއެވެ. އޭގެ އިތުރުން ރަށުގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ މަގޫދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްގެ ހިދުމަތްވެސް ރަސްމީކޮށް ފައްޓަވައިދެއްވައިފައެވެ. އޭގެ އިތުރުން މަގޫދޫގައި ތަރައްގީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި މަގޫދޫ ކައުންސިލް އިދާރާ އަދި އެ ރަށު ޕޮލިސް ޕޯސްޓްގެ ބިންގާ މިއަދު ވަނީ އަޅުއްވައިފައެވެ.