ސްރީ ލަންކާގެ ޕެޓާގެ އިމާރާތެއްގައި ރޯވި އަލިފާން ނިއްވުމަށް ހެލިކޮޕްޓަރު ބޭނުންކޮށްފިއެވެ.

ލަންކާގެ ވެރިރަށް ކޮލަމްބޯގެ ވިޔަފާރި ސަރަހައްދު، ޕެޓާ ސަރަހައްދުގައި ހުރި ތިން ފަންގިފިލާގެ އެ އިމާރާތުގައި ރޯވެފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

އަލިފާން ރޯވުމާއެކު މުޅި އެ އިމާރާތަށް އަލިފާން ފެތުރި ބޮޑު ހުޅުގަނޑާއި ދުން، ދުރު ސަރަހައްދުތަކަށް ފެންނަން ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮލަމްބޯ ފަޔާ ބްރިގޭޑުން މައުލޫމާތުދޭ ގޮތުގައި، އިމާރާތުގައި ރޯވި އަލިފާން ނިއްވާލުމަށް 12 ޓްރަކް ވަނީ ބޭނުންކޮށްފައެވެ. ނަމަވެސް ރޯވި އަލިފާން ކޮންޓްރޯލް ނުވުމުން ލަންކާގެ އެއާފޯސްގެ ހާއްސަ ހެލިކޮޕްޓަރު ބޭނުންކުރަން ވަނީ ފަށައިފައެވެ.

ރިޕޯޓުތައް ބުނެފައިވާ ގޮތުގައި، އަލިފާން ރޯވެފައިވަނީ ޕެޓާގައި ފިހާރަތަކެއް ހުންނަ އެ އިމާރާތުގެ ތިންވަނަ ފަންގިފިލާގައެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު މުޅި އިމާރާތައް ފެތުރިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.