ވ. ރަކީދޫގައި އަލަށް ގާއިމުކުރި ހިދުމަތާއެކު، ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފިއެވެ.

ރަކީދޫގައި އޭޓީއެމް ހިދުމަތް ފައްޓަަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ވ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ރަކީދުއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.

ރަކީދޫގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފެށުމާއެކު ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ލިބިގެންދާނެއެވެ.

އޭޓީއެމް ހިދުމަތް ތައާރަފްކުރުމަށް މިއަދު ރަކީދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ވަނީ އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވުމަށްފަހު ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވައިފައެވެ.

"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް މަޝްރޫއުގެ ދަށުން، މިހާރު އަޅުގަނޑުމެންނަށް 12 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވިއްޖެ. މިއިން ކޮންމެ އޭޓީއެމް އަކީވެސް އެރަށެއްގެ މުޖުތަމައުތައުގެ މާލީ ބައިވެރިވުން އިތުރުކޮށްދޭ ކަމެއް އަދި މިއީ ފަސޭހަ ކަމާއެކު އަސާސީ ބޭންކިން ހިދުމަތަށް ވާސިލުވުމަށް ހުޅުވޭ ދޮރެއް،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިއަދު ފ. ފީއަލި އަދި ބިލެތްފަހީގައިވެސް އޭޓީއެމްގެ ހިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 166 ސެލްފްސާވިސް ބޭންކިން ސެންޓަރު، 225 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.