ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް އިންޓާންޝިޕް ފުރުސަތު ލިބުމުގައި މިހާރު އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

އަސްލު ޓީވީގެ ޕްރޮގްރާމެއްގައި މިނިސްޓަރު ނާޒިމް ވިދާޅުވީ، މި ސަރުކާރުގެ ކުރީކޮޅުގައި ރާއްޖެއިން ބޭރުން ޑޮކްޓަރުކަން ކިޔަވާ ކުދިން އިންޓާންޝިޕް ހެދުމަށް ހުރި ގޮންޖެހުންތަކުގެ ޝަކުވާ ވަރަށް ގިނައިން ލިބުނު ކަމަށާއި ބައެއް ކުދިން ބައްދަލުކޮށްފައި ވެސް އެ ކަންބޮޑުވުންތައް ހިއްސާކުރި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުން މިހާރު ވަނީ ބަންގްލަދޭޝްގެ އިތުރު ފަސް ޔުނިވާސިޓީއަކުން ދިވެހި ދަރިވަރުންނަށް އިންޓާންޝިޕް ފުރިހަމަ ކުރުމުގެ ފުރުސަތު ހޯދައިދީފައި ކަމަށެވެ.

"މީގެ އިތުރުން ރާއްޖޭގެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލުންވެސް މިހާރު އިންޓާންޝިޕް ފުރިހަމަ ކުރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން އިންޓާންޝިޕް ފުރިހަމަ ކުރުމުގައި ފުރުސަތު ދިނުމުގައި އިސްކަންދޭނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އިންޓާންޝިޕްގެ ކަންބޮޑުވުން އެއްވެސް ދަރިވަރެއްގެ މިހާރު ނޯންނާނެ ކަމަށެވެ.