ކާޑުގެ ބާވަތްތަކާއި މޭވާ އަދި ތަރުކާރީގެ ބާވަތްތައް އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ވިއްކަން ފެށުމަށް ކެބިނެޓުން ނިންމައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެބިނެޓުގެ އެ ނިންމުމަކީ ރާއްޖޭގައި ފުޑް ސެކިއުރިޓީ ގާއިމުކުރުމަށް މެނިފެސްޓޯގައި އެ މަނިކުފާނު ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ.
އެގޮތުން ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ދިހަ ބާވަތުގެ މޭވާ އާއި ދިހަ ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު މިއަދު ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ކެބިނެޓުން އެ ނިންމުން ނިންމާފައިވާ އިރު، މޭވާގެ ބާވަތްތަކުގެ އަގު މައްޗަށް ދިއުމާ ގުޅިގެން އެސްޓީއޯއިން އޮރެންޖު އެތެރެކޮށް، ހެޔޮ އަގުގައި ވިއްކަން ފަށައިފައެވެ. އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން އޮރެންޖުގެ ކިލޯއެއް މިހާރު ވިއްކަނީ 35 ރުފިޔާއަށެވެ.
މޭވާގެ އިތުރުން ކާޑުގެ ބާވަތްތަކުގެ އަގުތައް ވެސް އެކި ދުވަސްވަރު މައްޗަށް ދެއެވެ. ކާބޯތަކެތީގެ އަގުތައް މައްޗަށްދާ ނަމަ، އެސްޓީއޯއިން އާންމުކޮށް އެތަކެތި އެތެރެކޮށް އަގު ކޮންޓްރޯލުކުރުމަށް ވިއްކަމުންދެއެވެ. އެގޮތުން ދާދި ފަހުން ފިޔާގެ އަގު މައްޗަށް ދިއުމުން ވެސް، އެސްޓީއޯއިން ވަނީ ފިޔާ އެތެރެކޮށް ހެޔޮ އަގުގައި ވިއްކަން ފަށައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު