އިންޑޮނޭޝިއާގެ މުޒާހަރާއަށް އަންހެންވެރިން އިލޮށިފަތި ހިފައިގެން ނުކުމެއްޖެއެވެ.

އިންޑޮނޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުކުރަން މަސައްކަތް ފެށުމާއެކު އެގައުމުގެ އާންމުން މަގުތަކަށް ނުކުމެ ވަނީ މުޒާހަރާތައް ފަށައިފައެވެ. އެމުޒާހަރާތައް ހޫނު ވެފައިވަނީ މުޒާހަރާގައި ބައިވެރިވި ޓެކްސީ ޑްރައިވަރެއްގެ ގައިގައި ފުލުހުންގެ ވެހިކަލަކުން ޖައްސައި އެމީހާ މަރާލުމާ ގުޅުގެންނެވެ.

މުޒާހަރާތައް ހޫނުވެ ފުލުހުންނާއި އާންމުންނާއި ކުރިމަތިލުން ހިނގާފައިވާއިރު ފުލުހުންގެ ފަރާތުން ބާރުގެ ބޭރުން ނަހަމަގޮތުގައި ބޭނުންކުރަމުން އަންނަ ކަމަށްބުނެ ގިނަ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ.

ފުލުހުންގެ އަނިޔާތަކާއި އިންޑޮނޭޝިއާގެ ސަރުކާރާ ދެކޮޅު ހަދައި އެގައުމުގެ އެތައް ސަތޭކަ އަންހެންވެރިން ވަނީ އިއްޔެ ވެރިރަށް ޖަކާޓާގައި ހުންނަ ގާނޫނު ހަދާ މަޖިލިސް ސަރަހައްދަށް އެއްވެފައެވެ.

އިންޑޮނޭޝިއާގެ އަންހެނުން ފެށި އެމުޒާހަރާގައި އެމީހުން ވަނީ ފިޔާތޮށި ކުލައިގެ ޓީޝާޓުލައި އިލޮށިފަތި ހިފައިގެން ޝުއޫރު ފާޅުކޮށްފައެވެ. އިންޑޮނޭޝިއަން ވުމެންސް އެލަޔަންސް އިން ރާވައިގެން ބޭއްވި އެމުޒާހަރާތަކުގައި އިލޮށިފަތި ބޭނުންކޮށްފައިވަނީ އެގައުމުގެ ސަރުކާރާއި މިލިޓަރީގެ އިތުރުން ފުލުހުންގެ ނުރަނގަޅު ކަންކަން ސާފުކުރުމަށް ކަމަށް އެއެލަޔަންސްއިން ބުނެއެވެ.

އިންޑޮނޭޝިއާގެ މުޒާހަރާތަކުގައި މިހާތަނަށް 10 މީހުން މަރުވެ 1042 މީހަކަށް އެކިވަރުގެ އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.