ހދ. ނޮޅިވަރަމްގައި މަލްޓި ސްޕޯޓްސް ކޮމްޕެލްކްސްއެއް ހެދުމަށް ސްޕޯޓްސް މިނިސްޓްރީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށް، އެ ކޮމްޕްލެކްސްގެ ބިންގާ އަޅައިފިއެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ ނޮޅިވަރަމްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ. އަދި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.

3 ސެޕްޓެމްބަރު 2025، ހދ. ނޮޅިވަރަމްގައި މަލްޓި ސްޕޯޓްސް ކޮމްޕެލްކްސްއެއް ހެދުމަށް ސްޕޯޓްސް މިނިސްޓްރީ އާއި އެމްއޭސީއެލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން -- ފޮޓޯ/ އެމްއޭސީއެލް

އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ސްޕޯޓްސް ކޮމްޕްލެކްސްގެ ބިންގާ ވެސް މިއަދު ވަނީ އަޅައިފައެވެ.

ކޮމްޕްލެކްސް ހެދުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި އެތަނުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރު ރާފިއު އާއި އެމްއޭސީއެލްގެ ސީއީއޯ ޝަރީފް, ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އަދި ނޮޅިވަރަމް ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ހުސެއިނެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 2026ގެ ނިޔަލަށް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ނޮޅިވަރަމް މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫއުއަކީ ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ސްޕޯޓްސް މިނިސްޓްރީ އާއި އެމްއޭސީއެލްއާ ދެމެދު މިދިޔަ މަހުގެ 18 ގައި ސޮއިކުރި އެއްބަސްވުމުގައި ހިމެނޭ މަޝްރޫއެކެވެ.