އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރި ލޯނުތަކަށް 41 ޕަސަންޓު ފައިސާ ނުލިބޭ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފިއެވެ.

އޮޑިޓް އޮފީހުން އާންމުކުރި އެސްޑީއެފްސީގެ 2019 އިން 2023 ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2023 އިން 2024 އަށް ފިނޭންސް މިނިސްޓްރީން ރައުސްމާލުގެ ގޮތުގައި އެސްޑީއެފްސީއަށް 1140 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު، 2023 ވަނަ އަހަރުގެ ނިޔަލަށް ވެސް ކުންފުންޏަށް ގެއްލުންވެފައިވާ ކަމަށެވެ.

ނަމަވެސް ފާއިތުވެދިޔަ ދެ އަހަރު ކުންފުނީގެ މާލީ ހާލަތު ރަނގަޅުވަމުން އައިސްފައިވުމުން މިދިޔަ އަހަރު އެސްޑީއެފްސީއަށް 45.21 މިލިއަން ރުފިޔާގެ ފައިދާއެއް ވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

އެސްޑީއެފްސީގެ ރައުސްމާލުން 2023 އާ ހަމައަށް 1428 އެޕްލިކަންޓުންނަށް ދޫކޮށްފައިވާ 1574 މިލިއަން ރުފިޔާ ލޯނުގެ އައުޓްސްޓޭންޑިންއަކީ 1357 މިލިއަން ރުފިޔާ ކަމަށްވާ އިރު، އޭގެ ތެރެއިން އެ އަހަރުގެ ނިޔަލަށް 41 ޕަސަންޓު (554 މިލިއަން ރުފިޔާ) އަކީ ލޯނަށް ދައްކަންޖެހޭ ފައިސާ އަނބުރާ ނުދައްކާތާ 90 ދުވަހަށްވުރެ އިތުރުވެފައިވުމުން ނަން ޕާފޯމިން އެސެޓް (އެންޕީއޭ) ގެ ގޮތުގައި ކަނޑައަޅާފައިވާ ލޯނު ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ އެސްޑީއެފްސީން ދޫކޮށްފައިވާ ލޯނުގެ ތެރެއިން 827 އެޕްލިކަންޓުންނަށް ދޫކޮށްފައިވާ ލޯނުތަކުގެ އައުޓްސްޓޭޑިންގެ ގޮތުގައިވާ 878 މިލިއަން ރުފިޔާގެ ލޯނަށް މަހުންމަހަށް ފައިސާ އަނބުރާ ދައްކަންޖެހޭ ތާރީހާ ހަމައަށް ގަވާއިދުން ފައިސާ ދައްކަމުން އައިސްފައިނުވުމުން، 2023 ވަނަ އަހަރުގެ ނިޔަލަށް އޯވާޑިއުގެ ގޮތުގައި 151 މިލިއަން ރުފިޔާ (17 ޕަސަންޓް) ލިބިފައިނުވާ ކަމަށެވެ.

ލޯނުތަކަށް ދޫކޮށްފައިވާ ފައިސާ އަނބުރާ ހޯދުމަށް 2024 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ޖުލައި 17 އާ ހަމައަށް ކުރެވުނު މަސައްކަތްތަކުން 12 މިލިއަން ރުފިޔާ އެސްޑީއެފްސީއަށް ހޯދިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކުރިއެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ 2023 ގެ ނިޔަލަށް ދޫކޮށްފައިވާ 287 މިލިއަން ރުފިޔާގެ ތެރެއިން 289 މިލިއަން ރުފިޔާ އައުޓްސްޓޭންޑިންގެ ގޮތުގައި ހުރި ކަމަށާއި ގަވާއިދުން ފައިސާ ދައްކަމުން އައިސްފައިނުވުމުން 70 މިލިއަން ރުފިޔާ އޯވާޑިއު ވެފައިވާ ކަމަށެވެ.

ރިކަވަރީ ރަޖިސްޓަރީގައިވާ 389 ލޯނުގެ ތެރެއިން 241 ލޯނަށް ކޮލޭޓްރަލްއަކާ ނުލައި 146 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު، 2023 ވަނަ އަހަރުގެ ނިޔަލަށް އެ ލޯނުތަކަށް 55 މިލިއަން ރުފިޔާ އަނބުރާ ނުލިބި އޯވާޑިއުވެފައިވާ ކަމަށާއި އައުޓްސްޓޭންޑިންގައިވާ 452 މިލިއަން ރުފިޔާގެ ތެރެއިން 134 މިލިއަން ރުފިޔާ އޯވާޑިއުވެފައިވާ ކަމަށެވެ.

އައުޓްސްޓޭންޑިންގައިވާ 76 މިލިއަން ރުފިޔާ ރުފިޔާއެއް އަނބުރާ ހޯދުމަށް ގާނޫނީ ފިޔަވަޅު އެޅުމަށް 90 ދުވަހަށްވުރެ އިތުރު މުއްދަތެއް ހިނގާފައިވާ ކަމަށާއި އެކަމަށް ލަސްވި ނަމަވެސް، ކަސްޓަމަރުންނަށް ލޯނު ދެއްކުމުގައި ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ލޯނު ރީސްޓްރަކްޗާ ނުވަތަ ރީޝެޑިއުލް ކުރުމާއި ޕޭމަންޓް ޕްލޭނަކަށް ދިއުން ފަދަ ފިޔަވަޅުތައް އަޅުމުންގެންދާ ކަމަށް މައުލޫމާތުދީފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

އޮޑިޓް ރިޕޯޓުގައި އެކަންކަމަށް ފިޔަވަޅުތަކެއް އެޅުމަށް ލަފާދީފައިވާ އިރު، ސަރުކާރުން ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ހިއްސާ ވިއްކާލުމަށް ނިންމައިފައެވެ.

އެސްޑީއެފްސީ ގަތުމަށްފަހު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯން، އަދި ފަސް އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ބީއެމްއެލުން ވަނީ ނިންމައިފައެވެ. އަދި ބިޒްނަސް ސްޓާޓްއަޕްސްތަކަށް އަމާޒުކޮށްގެން ކުރިއަށް އޮތް ތިން އަހަރުދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށްވެސް ނިންމާފައިވެއެވެ.