ރައީސް ޑރ. މުހައްމަދު މުއިއްޒު، މެލޭޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ރަސްގެފާނު ސުލްތޯން އިބްރާހީމާއި ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ދެ ބޭފުޅުންނަށް ރައީސް މުއިއްޒު ވަކިވަކިން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، މި އަހަރުގެ އޭޕްރީލް މަހު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ މެދުގައި އޮތް އެއްބައިވަންތަކަމާއި ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަމުގައި ވިދާޅުވެފައިވާ ކަމަށެވެ.
އެ މަނިކުފާނުގެ މެސެޖުގައި ރާއްޖެއާއި މެލޭޝިޔާއާ ދެމެދުގައި އޮންނަ ގުޅުން ކުރިއަށް އޮތްތަނުގައިވެސް އިތުރަށް ބަދަހިވެ، އިގްތިސޯދީގޮތުން އެ ގުޅުން ފުޅާވެ، ދެ ގައުމުގެ ރައްޔިތުންނަށްވެސް އިތުރު ފުރުސަތުތައް ލިބިގެންދާނެކަމުގެ ޔަގީންކަން އެބައޮތްކަން ފާހަގަކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ، އެ މެސެޖުގައި، މެލޭޝިޔާގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެން، އެ ގައުުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައިވާ ކަމަށެވެ.
ރައީސް މުއިއްޒު އެކްސްގައި މިއަދު ވިދާޅުވީ، މެލޭޝިއާއަކީ މުހިންމު ބައިވެރިއެއް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ގައުމުން ގުޅިގެން އިތުރަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު