މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި ތެލުގެ މިންވަރު ފާއިތުވި ދެ މަހާ އަޅައި ބަލާއިރު އިތުރުވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ މަހު ރާއްޖެއަށް ވަނީ، 923 މިލިއަން ރުފިޔާގެ ތެލާއި ގޭސް އެތެރެކޮށްފައެވެ. ނަމަވެސް ޖޫން މަހު އެ އަދަދު 777 މިލިއަން ރުފިޔާގައި ހުރި އިރު، އޭގެ ކުރީ މަހު އެ އަދަދު ހުރީ 790 މިލިއަން ރުފިޔާގައެވެ.

މި އަހަރު ރާއްޖެއަށް އެންމެ ގިނައިން ތެލާއި ގޭސް އެތެރެކުރީ ޖެނުއަރީ މަހުއެވެ. އެ މަހުގައި 960 މިލިއަން ރުފިޔާގެ ތެލާއި ގޭސް އެތެރެކޮށްފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް ވަނީ ތެލާއި ގޭސް ލައިގެން 4.5 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ.

ތެޔޮ ނުހިމަނައި، މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައި ވަނީ ކާބޯތަކެތީގެ ބާވަތްތަކެވެ. އެގޮތުން 859 މިލިއަން ރުފިޔާގެ ކާބޯތަކެތި މިދިޔަ މަހު ރާއްޖެއަށް ވަނީ އެތެރެކޮށްފައެވެ.

މިދިޔަ މަހު ރާއްޖެއިން ބޭރުކޮށްފައިވަނީ 210 މިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ މަހު ކަސްޓަމްސްއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 295 މިލިއަން ރުފިޔާއެވެ. އެއީ އޭގެ ކުރީ މަހަށް ވުރެ އިތުރު އަދަދެކެވެ. ރޯޔަލްޓީގެ ގޮތުގައި ކަސްޓަމްސްއަށް އެއް މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ރާއްޖެއިން މިދިޔަ މަހު އެންމެ ގިނައިން މުދާ އެތެރެކުރީ ޗައިނާ އާއި އިންޑިއާއިންނެވެ. އެއީ ޖުމްލަ އެތެރެ ކުރި މުދަލުގެ 32 ޕަސަންޓެވެ.

ރާއްޖެއިން ބޭރުކުރި މުދަލުގެ އެންމެ ބޮޑު ހިއްސާދާރަކީ ގަނޑުކުރި ކަޅުބިލަމަހެވެ. އެގޮތުން 126 މިލިއަން ރުފިޔާގެ ގަނޑުކުރި ކަޅުބިލަސް މިދިޔަ މަހު ރާއްޖޭން ވަނީ އެކްސްޕޯޓުކޮށްފައެވެ. ދަޅު މަހުގައި ވެސް 43 މިލިއަން ރުފިޔާގެ ކަޅުބިލަ މަސް ބޭރު ކުރިއެވެ. މިދިޔަ މަހު ވަނީ 13 މިލިއަން ރުފިޔާގެ ކަންނެލި ބޭރުކޮށްފައެވެ. އަދި ފަސް މިލިއަން ރުފިޔާގެ މަހުގެ އެކި ބާވަތްތައް ބޭރު ކުރިއެވެ.

ރާއްޖެއިން މިދިޔަ މަހު އެންމެ ގިނައިން މަސް ބޭރުކުރީ ތައިލެންޑާއި ގްރޭޓާ ބްރިޓަން އާއި މޮރިޝަޝްއަށެވެ.