ހދ. މަކުނުދޫ ބިން ހިއްކައި ނިމުމުން އަންނަ އަހަރު އެ ރަށުގައި ގެދޮރުވެރިކަމުގެ ހާއްސަ މަޝްރޫއެއް ހިންގަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މަކުނުދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މިރަށުގެ ރައްޔިތުން އެންމެ ބޭނުންވާ އަދި އެންމެ މުހިންމު ކަމަކީ އެއާޕޯޓްގެ މަސައްކަތް ނިންމުން ކަމަށެވެ. ދުރު ރާސްތާއަށް އަދި ދެމެހެއްޓެނިވި ތަރައްގީއަށް ވެސް އެރަށުގައި އެއާޕޯޓެއް ތަރައްގީ ކުރުމަކީ ޒަރޫރީ އަދި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެގޮތުން އެމްޓީސީސީއާ މިއަދު ހަވާލުކުރެވުނު ބިން ހިއްކުމުގެ މަޝްރޫގެ ދަށުން އެއާޕޯޓްގެ ރަންވޭ 1800 މީޓަރަށް ދިގު ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެއާޕޯޓްގެ އިންފްރާސްޓްރަކްޗާ އާއި އެއާޕޯޓަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމު ކުރެވިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އެއާޕޯޓް މަޝްރޫއު ވަރަށް ކާމިޔާބުކަމާއެކީގައި ވަރަށް ބާރަށް ކުރިއަށް ގެންގޮސް ނިންމައިދޭނަން." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ރަށުގެ ބޭނުންތަކަށް، ހާއްސަކޮށް ރަށުގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ބޭނުންވާ ބިން ވެސް ހިއްކިގެންދާނެ ކަމަށާއި އެގޮތުން ރަށުގެ ބޭނުމަށް 22 ހެކްޓަރުގެ ބިން ހިއްކިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ބިން ހިއްކިގެން ދިއުމުން ހައުސިން މަޝްރޫއުތައް، ގެދޮރުވެރިކަމުގެ ހާއްސަ މަޝްރޫއެއް ހިންގަން އަޅުގަނޑުމެން އިސްކަމެއްދެން. އަޅުގަނޑުމެން ކުރިއަށް އޮތް އަހަރަށް ޕްލޭންކުރާއިރުގައި މިރަށުގައި ހައުސިން މަޝްރޫއެއް ހިންގަން އަޅުގަނޑުމެން ގަސްތުކުރަން. އެއީ އަޅުގަނޑުމެން މިރަށުގައި އަލަށް ފަށާނެ އެންމެ މުހިންމު އެއް މަޝްރޫއަށް ވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.
އެރަށުގެ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް މިއަދު ހަވާލުކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެރަށުގެ މަގުތައް ހެދުމަކީ އަސާސީ ކަމެއް އަދި މުހިންމު ކަމެއް ކަމަށެވެ. މަގުތައް ހަދައި ނިމުމުން އިގުތިސޯދީ ގޮތުން އިންވެސްޓްކުރާ ފަރާތްތަކަށް އަދި އާންމުނަށް ވަރަށް ފަސޭހަވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މަނުކުދޫ އާ ސިއްހީ މަރުކަޒުގެ މަސައްކަތް މިއަދު ފަށާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ރަށުގައި ގާއިމުކުރެވިގެންދަނީ އެންމެ މަތީ ފަންތީގެ ސިއްހީ މަރުކަޒެއް ކަމަށެވެ. އެގޮތުން ޖާގަ އިތުރު ކުރެވި ވަސީލަތްތައް ގާއިމުކުރެވި އިންސާނީ ވަސީލަތްތައް ވެސް އިތުރު ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސިއްހީ މަރުކަޒުގެ މަސައްކަތް ނިމުމުން ހާއްސަ ޑޮކްޓަރުން ތިބޭނެ ކަމަށާއި އެގޮތުން އަންހެނުންގެ ހާއްސަ ޑޮކްޓަރުންނާއި އެތެެރެ ހަށީގެ ހާއްސަ ޑޮކްޓަރުންގެ އިތުރުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން ތިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކްސްރޭ އާއި ސްކޭނިން އަދި ޑައިލެސިސްގެ ހިދުމަތް ވެސް ގާއިމު ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް