އަމާޒަކީ އެންމެ ލަސްވެގެން ނޮވެމްބަރު މަހަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ފުރިހަމައަށް ބޭނުންކުރެވޭނެ ގޮތަށް ހުޅުވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ހަނިމާދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ހަނިމާދޫ އެއާޕޯޓުގައި އިންޓަނޭޝަނަލް ފެންވަރުގައި މިހާރު ކުރަމުންގެންދާ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް ކުރަން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމަށް ރިޔާސީ އިންތިހާބުގެ ތެރޭގައި ދަންނަވާފައިވާނެ ކަމަށެވެ.
"އެގޮތަށް އެދަނީ، އެއަށްވުރެ ވެސް ސްޕީޑު ބާރުކޮށް، ހަލުވިކޮށް މި ގެންދަނީ. މިހާރު މިދާ ސްޕީޑުގައި ގެންގޮސް، އަޅުގަނޑުމެން ވަރަށް އަވަހަށް ނިންމާނަން. އަޅުގަނޑުމެންގެ އަމާޒަކީ އެންމެ ލަސްވެގެން ނޮވެމްބަރު މަހުގެ ތެރޭގައި އެއާޕޯޓު ފުރިހަމައަށް ބޭނުންކުރެވޭ ގޮތަށް ނިންމައި ހުޅުވުން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހަނިމާދޫ އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ވާއިރުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ވެސް ފުރާ ފަސިންޖަރުންނަށް ޑޮލަރު ގަނެވޭގޮތަށް، ހަނިމާދޫ އެއާޕޯޓުގައި ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކައުންޓަރެއް ބަހައްޓައި ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ގަނެވޭނެ ނިޒާމު ގާއިމުކޮށްދެއްވާނެ ކަމަށެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ކުރިއަށ ގެންދާ ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން އަލަށް ގާއިމު ކުރި ރަންވޭ އަކީ 2.7 ކިލޯމީޓަރުގެ ދިގު ރަންވޭ އެކެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީކުރުމުގެ މަޝްރޫއު ފަށާފައިވަނީ 18 ޖެނުއަރީ 2023 ގައެވެ. އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ވަނަ އަހަރުގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެއެވެ.
އަދި އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމުކުރެއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު