ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފު، ހއ. އުތީމު ރައްޔިތުންނަށް މިއަދު އަރުވައިފިއެވެ.

އެރަށުގެ ރައްޔިތުންނަށް އެ ޝަރަފު އެރުވީ މިއަދު އެރަށުގައި ބޭއްވި ގައުމީ ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. އެރަށު ރައްޔިތުންގެ ފަރާތުން ޝަރަފުގެ އައްޑަނަ އާ ހަވާލުވެވަޑައިގަތީ އެރަށު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދުއެވެ.

ރައީސް އޮފީހުން އިއްޔެ ބުނިގޮތުގައި މި ޝަރަފު އެރުއްވުމަށް ރައީސް ކަނޑައެޅުއްވީ، އުތީމު ގަނޑުވަރު ބެލެހެއްޓުމުގައި، އުތީމު ރައްޔިތުން އަދާކޮށްފައިވާ ދައުރާއި އެކަމަށް ދޭ އަހައްމިއްޔަތުގެ އަގު މިއަދުގެ ސަރުކާރުން ވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

ހަމައެއާއެކު، އުތީމު ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާ އެކުގައި އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާތީއެވެ.

އުތީމު ގަނޑުވަރު ބެލެހެއްޓުމުގެ މަސައްކަތް އަބަދުވެސް ކުރަމުންދަނީ އެރަށުގެ ރައްޔިތުންނެވެ.